އަމިއްލަ ގެދޮރަށް ދާން ކެތްމަދުވެފައި ތިބި ޣައްޒާގެ އާއިލާތަކަށް ޔަހޫދީ ސިފައިން ހަމަލާދީފިއެވެ.
ޣައްޒާގެ ދެކުނުން ޣައްޒާ ސިޓީއަށް ދިއުމުގެ ހުއްދަ ދީފައިވާކަމުގެ އަޑުތަކެއް ފެތުރުމުން އުތުރު ޣައްޒާގެ އާއިލާތައް އަވަސްވެގަތީ އެމީހުންގެ މުދާ ހިފައިގެން އަމިއްލަ ވަޒަނަށް ދިއުމަށެވެ. އެތައް ހަސް ބަޔަކު އައްސޭރި މަގުގައި ހިނގާފައި އުތުރަށް ދަތުރު ކުރަމުން ދަނިކޮށް ޔަހޫދީ ސިފައިންވަނީ އެމީހުންގެ ތެރެއަށް ބަޑި ޖަހާފައެވެ. އަދި އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ޣައްޒާގެ އުތުރަށް ދިއުމުގެ ހުއްދަދީފައިނުވާކަމަށެވެ.
“އަހަރެން މިދަނީ އަހަރެންގެ ގެއަށް ޣައްޒާ ސިޓީއަށް. ދެކުނު ޣައްޒާގަ އަހަރުމެންނަށް ނުތިބެވޭނެ. އެތަން އޮތީ އެއްކޮށް ފުރިފައި. އެތާގައި ސާފު ނޭވާއެއްވެސް ނުލެވޜ” ބަސްމާ ސަލާމް ބުންޏެވެ.
އުތުރަށް ދަތުރު ކުރަމުންދިޔަ އާއިލާތަކުގެ ތެރެއިން 100 އެއް ހާ މީހުން ޔަހޫދީ ސިފައިންވަނީ މަގުމަތިން ބަޑި ޖަހާ ޝަހީދުކޮއްލާފައެވެ. ކުޑަ ކުއްޖެއް އުރައިގެން ހުރެ އަލްޖަޒީރާއަށް ވާހަކަދެއްކި މަންމައެއް ބުނެފައިވަނީ އަހަރުމެން ނުކުތީ ޣައްޒާ ސިޓީއަށް ދާންކަމަށެވެ. ޔަހޫދީންގެ ބަޑިގެ ހަމަލާ އެރީ އޭނާގެ ދަރިފުޅުގެ މޫނަށް ކަމަށެވެ. ޔަހޫދީން އެކުއްޖާ ޝަހީދުކޮއްލީ ކަމަށެވެ.
ޔަހޫދީ ސިފައިން ބުނީ އުތުރު ޣައްޒާއަކީ އަކީ ހަރަކާތްތެރި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ދެމިއޮތް ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް އެނބުރި އައުމަކީ މިވަގުތު ހުއްދަ ކަމެއް ނޫން ކަމަށެވެ.
6 މަސް މެދުކެނޑުމެއް ނެތި އިސްރާއީލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެންމެ ފުރަތަމަ ބުނަމުން ދިޔައީ ދެކުނު ރަފާ ސިޓީ އަކީ ރައްކާތެރި ސަރަކައްދެއް ކަމަށެވެ. އެންމެންވެސް އެތަނަށް ދިއުމަށެވެ. މިހެން ބުނެ ރަފާއަށް މިލައަނެއްހާ މީހުން ޖަމާކޮށް ޒަރޫރީ އިންސާނީ ހައްގުތަކުން ފަލަސްތީނު ރައްޔިތުން މަހްރޫމް ކޮއްފައެވެ. އެގޮތުން ސާފު ބޯފެން ނުލިބުމާއި, ރަނގަޅު ކާނާ ފޯރުކޮށްނުދީ ވަނީ ހިފަހައްޓާފައިއެވެ.
އިސްރާއީލުގެ ޔަހޫދީ ސިފައިން ވަނީ މިހާތަނަށް 34,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންވަނީ ޝަހީދުކޮއްލާފައެވެ. އަދި 76,000 އަށް ވުރެ ގިނަ މީހުނަށް އެކި ވަރުގެ ޒަހަމްތަކެއްވެ ސިއްޙީ ފަރުވާއަށް ބޭނުން ޖެހިފައިވެއެވެ.