“ސިމާމު ރުހޭކަމަކަށްވާނަމަ، މިއަދުންފެށިގެން ތިކަމާ އުޅެދޭނަން… ދެންހިގާ ގެއަށްދަމާ،” މިހެން ބުނެފައި ޒައިން ހިނގައިގަތުމުން ފަހަތުން ސިމާމުވެސް ހިނގައިގަތެވެ.
“އަދިވެސް ސީރިއަސްކޮށް ބިޓެއް ނަގާގަށް ނުވޭތަ؟” ގެއަށް ދިޔަ މަގުމަތީގައި ސިމާމު ވާހަކަ ދެއްކީ ޒައިން އާއެވެ.
“އަހަރެން… ސީރިއަސްކޮށް ބިޓެއް ނަގަންވީ..؟ ތިކަމެއް ނުވާނެ. އަދި ނުފެނެ އެވަރު ކުއްޖެއް. އެދުވަހަކުން ތިކަންވެސް ކުރާނަން،” ޒައިން ހީގަތެވެ.
ނަމަވެސް ސިމާމު ގާތަށް ހިންޏެއް ނައެވެ. އެކުވެރިޔާގެ އެމިޒާޖު އޭނާއަށް ކަމުނުދާތީއެވެ. އެހެންވެ ސިމާމު އެވާހަކަ ޒައިން ކައިރީގައި ބުންޏެވެ.
“ޒައިންގެ ތިޔަ ގޮތްގަނޑު ފިލާނީ ކޮންދުވަހަކުން؟ ތިޔަހެން އުޅެނިކޮށް ފެންނާނީ ޒައިން ބާކީވިތަން. އެކަކަށްފަހު އެނެކަކަށް ލަނޑުދެމުންދަނިކޮށް ފެންނާނީ ތިމާއަށް ލަނޑު ލިބޭތަން. އެދުވަހަކުން ކަންނޭނގެ ޒައިންއަށް ވިސްނޭނީ،” ސިމާމު ނަސޭހަތްތެރިވިއެވެ.
ހަވީރުގެ ހިތްގައިމު ވަގުތަކީ ނަދުވާ ގެ ޚާއްސަ ވަގުތެކެވެ. ހަޔާތުގެ ކަންކަމާއި މަޝްވަރާ ކޮށްލުމަށް ބެސްޓްފްރެންޑް ގެ ގެއަށް ޒިޔާރަތް ކޮށްލާ ގަޑިއެވެ. އެހެންކަމުން ކޮންމެހެންވެސް އެގަޑި ހުސްކޮށްލެވޭތޯ ނަދުވާ ބަލައެވެ. ކުރަން ހުރި މަސައްކަތެއް ވިއްޔާ ނިންމާ ލުމަށްފަހު ފެންވަރައި، ނަލަ ހެދިލިއެވެ. އާދައިގެ މަތިން މިއަދަކީވެސް އޭގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފެންވަރާ ނަލަހެދިގެން ދީނާމެންގެއަށް ދާން ނުކުންނަނިކޮށް ނަދުވާގެ މަންމަ ، ސަކީނާގެ އަޑު އިވުނެވެ.
“ދަރިފުޅާ. ހާދައަވަސް އަރުވާލާފައި ކޮންތާކަށް ތިޔަ ދަނީ؟ ހަވީރު ވެއްޖެނަމަ މަންމައަށް އެއްވެސް ކަމެއްކޮށްދޭނެ ކަމެއް ނެތްދޯ؟ މިއޮއްޒަމާނެއް ވީއްޔަ،” އެއީ ސަކީނާގެ އާދައެވެ.
ދަރިފުޅު ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކުހެން އެދާ ތަނަކާއި ބެހޭގޮތުން އޮޅުންފިލުވާނެއެވެ. އޭގެ އިތުރުން އެތަކެއް ހާސަރެއް ދަމާނެއެވެ. އެއީ އޭނާގެ އާދައެވެ. މަންމަގެ ޝަކުވާތަކަށް ނަދުވާ ހުންނަނީ ހޭނިފައެވެ. އެހެންކަމުން މާބޮޑު އެއްޗެއް އޭނާގެ ހިތަކަށް ނާރައެވެ. ކިތަންމެ ޝަކުވާއެއް ކުރިއަސް ހިތްހަމަ ނުޖެހުމުގެ ކުޑަވެސް ލަފްޒެއް އޭނަގެ ދުލަކުން ބޭރެއް ނުކުރެއެވެ. މަންމަ އަށް ގަދަރު ކުރުމުގެ ގޮތުންނެވެ.
“މަންމާ. އަހަރެންމިދަނީ ހުރިހާކަމެއް ނިންމާފައޭ އަންނާނަން އިރުއޮއްސުމުގެ ކުރިން މިދަނީ ދީނާއާއި ބައްދަލުކޮށްލަން އެގެއަށް،” ނަދުވާ ބޭރަށް ނުކުތެވެ.
“ނަދުވާ ތިއައީ އަހަރެން ތިގެއަށް ދާން އުޅެނިކޮށް،” ނަދުވާ އައިސް ދީނާގެ ކޮޓަރިއަށް ވަނުމުން ދީނާ ބުންޏެއެވެ.
“ދީނާ ތަތްކަމުންދޯ ދުވަހަކުވެސް އަހަރެން އަންނަން ވާއިރަކަށް ނުވެސް ނިމޭނެ. ހިނގާބަލަ އަހަންނާއެކު ފިހާރައަކަށް ގޮސްލަން،” ޑްރެސިން ޓޭބަލް ކައިރީގައި އިން ދީނާއަށް މަލާމާތް ކުރާ ރާގަކަށް ނަދުވާ މިހެން ބުނުމަށްފަހު ހީނގަތެވެ.
“އާނ… އަހަރެންވެސް މިއުޅެނީ ތިހެންވެ. މިނިމުނީ އަވަހަށް ހިނގާ ދެންވެސް،” ދީނާ ތެދުވިއެވެ.
ދެމީހުން ދީނާމެންގެއިން ނުކުމެގެން މިސްރާބުޖެހީ ރަށުގައި އެންމެ މަޝްހޫރު ކަމަށް ނަންކިޔާ ފިހާރައަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ޒުވާންފުރައިގެ ދެޖިންސުގެ ކުދިންވެސް މަގުގައި ދިމަދިމާއަށް ހޭލަމޭލަވެ އެޅެއެވެ. ދީނާ އާއި ނަދުވާވެސް ހުރީ ނަލަ ހެދިލައިގެންނެވެ. މޭކަޕް ކޮށްގެން ހުރި އިރު ރީތިކަމުގައި ދެކުދިން ވެސް ހަމަ ހަމައޭ ބުނާހާވެއެވެ.
“ނަދުވާއަށް އެނގޭތަ؟ އެއްކަލަ ސުނޭ އެބަހުރި ފޯރިއެއް ފެންނަ ހާތާކުން މަށާދިމާކުރަނީ ކުދިންލައްވާވެސް އެވަރުކުރޭ މިހާރު މަގަކަށް ނުކުންނަންވެސް އުދަނގޫ،” ދިނާ ހުރީ ރުޅިއައިސްފައެވެ.
“އަސްލުވެސް؟ ތިދެންއެހާ ބޮޑުކަމެއްތަ؟ ތިކަހަލަ ކިތައް ސުނޭތަ ދީނާމެންކަހަލަ ރީތި ކުދިންނާއި ބެހޭނީ. މިހާރުވެސް ބަލާބަލަ މަގުމަތިންދާ ހުރިހާ ފިރިހެން ކުދިންގެ ނަޒަރުވެސް އެހުންނަނީ ދީނާއަށް އަމާޒުވެފައި ހީވަނީ މަށަށްމަށަށް ކިޔާހެން،” މިހެން ބުނަމުން ނަދުވާ ޖަހާލި ލާނެތް ގޮތަކަށް ހީނލިއެވެ.
“ސުނޭ ގްރޫޕްގައި. އެއުޅޭ ސޮރުތައް ނޫން ކޮންމެ ކުއްޖަކު ރައްޓެހިވާން އެހިއަސް އަހަރެން މަރުހަބާ ކިޔާނަން. އެގޮތަށް ސުނޭ ދިމާކުރާތީ މިހާރު ސުނޭ މަތިން މުޅިން ފޫހިވެއްޖެ. ދެން އަހަންނެއް ސުނޭ އަކާ ނުގުޅޭ ނަން،” ދީނާ ފޫހިވެފައި ހުރި ވަރު އޭނާގެ ވާހަކަ ދެއްކި ރާގުން އެނގެއެވެ.
” ހާދަ ވަރެކޭ. މަށަށް ހީވަނީ ތިޔަހާ ވަރަށް ރުޅިއަންނަންޏާ ޖެހޭނީ ހަމަ ސުނޭ އާއި ގުޅެންހެން،” ނަދުވާ ދިމާކޮށްލިއެވެ. ރަހުމަތްތެރިއާ އާއި ދިމާކޮށްލައި ރުޅި އަރުވާލުމަކީ މަދުން ނަމަވެސް ނަދުވާ ކޮށްލަން ބޭނުންވާ ކަމެކެވެ.
” އަހަރެން އެބައުޅެންދޯ އެސުނޭ އަކާ ހެދި މޮޔަ ބޮލަށް އަރައިގެން،” މިއޮއް އާދެވުނީ ހިނގާ ވަންނަމާ ދީނާ ބުންޏެވެ.
ފިހާރައިގައި ހުރި އެކިކަހަލަ އެއްޗެއްސަށް ބަލަމުން ގޮސް އެންމެފަހުން ދެކުދިންވެސް ބޭނުންވާ ހުރިހާ އެއްޗެއް އެފިހާރައިން ހަމަކުރިއެވެ. އެއްޗެހި ގަނެގެން ގެއާއި ދިމާއަށް ހިނގައިގަނެވުނު އިރުގައި އިރުއޮއްސި ދުނިޔެ މައްޗަށް ރަތްވިލާގެ އަސަރު ވެރިކުރުވައިފިއެވެ. ދެކުދިން އޮލަ ވާހަކައިގައި ކުރިއަށް ދަނިކޮށް، ހުއްޓިފައި ފަހަތް ބަލާލީ ކޮންމެވެސް ކުއްޖަކު ނަދުވާގެ ނަމުން ގޮވާލުމުންނެވެ. އޭރު އެމީހުންގެ ފަހަތުން ސިމާމު އާއި ޒައިން އެދިމާއަށް އާދެއެވެ.
“ނަދުވާ މަޑުކޮށްބަލަ ވާހަކައެއް ބުނަން ވެގެންނޭ!” ފަހަތް ބަލާލުމަށް ފަހު، ދީނާމެން ކުރިއަށް ހިނގައި ގަތުމާއި އެކު އެނެއްކާވެސް ގޮވާލިއަޑު އިވުނެވެ. އެހެންކަމުން ނަދުވާ މަޑުޖެހިލިއެވެ. ދީނާ ހިނގައިގަތެވެ.
“ދީނާ …އަހަންނާއެކު ދާން މަޑުކޮއްލަ ބަލަ،” ދީނާ ދާންފެށުމުން ނަދުވާ އެދުނެވެ.
“އަހަރެން ހުރުން އެހާ ރަނގަޅެއް ނުވާނެ ދޯ؟. ނަދުވާގެ ކައިރީގަ ވީއްޔަ މަޑުކުރާށޭވެސް ބުނީ،” ދީނާ ހިނގައިގަތެވެ.
ދީނާ ދާތަން ފެނުމުން ސިމާމުމެން ހިނގުން ތަންކޮޅެއް ބާރުވެސް ކޮށްލިއެވެ. ނަމަވެސް އެމީހުންނަށް އެހިސާބަށް އާދެވެންވާއިރަށް ދީނާ މާދުރަށް ގޮސް އޮބާލައިފިއެވެ. ދީނާ ދިއުމުން ދެންކަންތައް ވާނެ ގޮތަކާމެދު ސިމާމުގެ ހިތް ތެޅެމުން ދިއައެވެ. އެމީހުން މިއައި ބޭނުން ހާސިލްވާނެ ބާއޭ ހިތް ބުނަމުން ދިޔައެވެ. ސިމާމުއަށް އޭނާގެ ހިތް އެދޭ އެދުން ހާސިލް ކުރެވޭނެ ބާއޭ ހިތް ބުނަމުން ދިޔައެވެ. އެތައް ދުވަހެއް ވަންދެން ހިތް ގޮވަމުންދާ ގޮވުން ބަޔާން ކޮށްދެވޭނެ ބާއޭ ސިމާމު ހިތާހިތުން ކިޔާލިއެވެ.
“ކީއްވެ ދީނާ އެހާ ބާރަށް އެދިޔައީ؟ އަހަރެމެންދެކެ ރުޅިއައިސްގެންތަ؟” ސިމާމު ހުރީ ކުޑަކޮށް މާޔޫސްވެފައެވެ.
” ކަލޭމެން ބުނީ ހަމައެކަނި އަހަރެން ކައިރީގަ މަޑުކުރާށޭ.އެހެންވީމަ އޭނާ އެދިޔައީ،” މަގުގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރި ނަދުވާ ވާހަކަ ދެއްކީ ލަދު ގަނެފައި ހުރި ވަރުން ވަރަށް މަޑުންނެވެ.
“އެހެންވެތަ އެދިޔައީ؟……އަހަރެމެން ހިތަށްއެރީ އޭނާވެސް،” ސިމާމު އާއި ދިމާއަށް ބަލާލަމުން ޒައިން ހިނިތުންވެލީ މާނައިން ފުރިގެންވާ ގޮތަކަށެވެ.
” ކީއްވެތަ އަހަރެންކައިރީގަ މަޑުކުރާށޭ ބުނީ؟ އަވަހަށް ބުނެބަލަ . ގެއަށްދާން މިހާރުވެސް ލަސްވެގެން މިއުޅެނީ.. މާ ލަސްވެއްޖެއްޔާ މަންމަ ހިތްހަމައެއް ނުޖެހޭނެ..” ސިމަމުމެންގެ ވާހަކަ އަޑު އެހުމަށް ޝައުގުވެރި ނުވާ ރާގެއްގައި ނަދުވާ ވާހަކަ ދެއްކިއެވެ.
(ނުނިމޭ)