ޖުޑިޝަރީގައި އަދިވެސް އޮތީ އެމްޑީޕީގެ ކޮންޓްރޯލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ އަށް މިހާރު ސަރުކާރުގެ ނުފޫޒެއް ނުހިނގާނެ ކަމަށާއި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ޖޭއެސްސީގެ ކޮންޓްރޯލް އަދިވެސް އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގައި ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްވީ އެމްޑީޕީގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވައި ރައީސް ވިދާޅުވީ، އެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިތާ ދެތިން ދުވަސްތެރޭ އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވާ ކަމަށާއި މިއޮތްހާ ދުވަހު އެ މައްސަލަ ލަސްކުރީ ވެސް އެމްޑީޕީން ކަމަށެވެ.
“ޖޭއެސްސީގެ ރައީސަކީ އެމްޑީޕީގެ ބޭފުޅެއް. މަޖިލީހުގެ ރައީސް އިހަށް ދުވަހު މި މައްސަލަ ޖޭއެސްސީ އަށް ލާނަމޭ، ހަމަ ވިދާޅުވެފައި ދެތިން ދުވަސްތެރޭގައި ޝެޑިއުލް ވީމާ އެބަ އިނގޭ އެބޭފުޅުންގެ ކޮންޓްރޯލް އަދިވެސް ޖުޑިޝަރީ ތެރޭގައި ހިންގާ ވަރު. ވަރަށް ހިތާމަ ހުރި ކަމެއް،” ރައީސް ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް ސިޔާސީ ނުފޫޒުން އެ ކޮމިޝަން މިނިވަން ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ކުރެވޭނީ އެ ވިސްނުމުގައި ތިބި ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށެވެ. އެގޮތުން ޖޭއެސްސީގައި ސިޔާސީ މީހުން ތިބެން ބޭނުން ނުވާ ކަމަށާއި މިކަން ކުރުމަށް މަގުފަހިކޮށްދެވެން އޮތީ ރައްޔިތުން އިންތިހާބުކޮށްދޭ މަޖިލީހަކުން ކަމަށްވެސް ވިދާޅުވި އެވެ.