ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ހިޔާ ފްލެޓްގެ ދެވަނަ ޓަވަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާއިރު، އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު އިބްރާހިމް ތޯރިގު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވި، ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓުތައް ހަރުކޮށް ނިންމާލެވޭނެކަމަށާއި،
ހުޅުމާލޭގައި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ އިތުރު ކަންތައްތަކެއް ވެސް ހުރުމުން، އެޗްޑީސީން އެ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ.
އަދި ހައުސިން މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި މިއަދު މި ފެށުނީ އެ ވައުދު ހަގީގަތަކަށް ހެދުމުގެ އަމަލީ މަސައްކަތް ކަމަށެވެ.
ހައިދަރު ވިދާޅުވީ ހިޔާ ފްލެޓްތައް ކަހަލަ ދިރިއުޅުމަށް ބޭނުންކުރާ ބޮޑެތި އިމާރާތްތަކުގައި ލިފްޓުތައް ގިނަ ކުރަން ޖެހޭ ކަމަށާއި، ސަރުކާރުން ދެން ހިންގާ މަޝްރޫއުތަކުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށެވެ.
ހިޔާ ފްލެޓްގައި އިތުރު ލިފްޓު ހަރުކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ. އެ މަޝްރޫއު ޗައިނާގެ މި ކުންފުންޏާ ހަވާލުކުރި ފައިސާގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.