” ކީއްވެތަ އަހަރެންކައިރީގަ މަޑުކުރާށޭ ބުނީ؟ އަވަހަށް ބުނެބަލަ؟ ގެއަށް ދާން މިހާރުވެސް ލަސްވެގެން މިއުޅެނީ… މާ ލަސްވެއްޖެއްޔާ މަންމަ ހިތްހަމައެއް ނުޖެހޭނެ،” ސިމަމުމެންގެ ވާހަކަ އަޑު އެހުމަށް ޝައުގުވެރި ނުވާ ރާގެއްގައި ނަދުވާ ވާހަކަ ދެއްކިއެވެ.
ނަދުވާގެ ވާހަކަ ހުރި ގޮތުން ސިމާމު ވަރަށް ދެރަ ވިއެވެ. އޭނާ އެތައް ދުވަހުންސުރެ ހިތު އަޅައިގެން އެޅޭ ކަންތައް ކާމިޔާބު ނުވެދާނެތީއެވެ. ސިމާމުގެ ހިތުގެ ވާހަކަ ބުނުމުން ލިބިދާނެ ޖަވާބަކާ ދޭތެރޭ ވިސްނެނީއެވެ. ވެދާނެ ގޮތަކާމެދު ވިސްނޭވަރުން ސިމާމުގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް މީހާ ދާހިތްލާންވެސް ފަށައިފިއެވެ. އެއް އަތުގެ އިނގިލި ތަކުން އަނެއް އަތުގެ އިނގިލިތަކާއި މަޑުމަޑުން ކުޅެމުން ގެންދެވުނެވެ.
“މީ ސިމާމުގެ ކަމެއް. އޭނާ ބޭނުންވަނީ… ދިނާ އާއި ގުޅެން. އެހެންވީމާ ދީނާ ކައިރީ މިވާހަކަ ބުނެދީބަލަ،” މާ ދުރުދުރުން ވާހަކަ ގެންދާކަށް ޒައިން ބޭނުމެއް ނުވިއެވެ. އަދި ކިތަންމެ ގިނަ އިރަކު އެތާ ހުއްޓެއް ކަމަކު ސިމާމު އޭނާގެ ހިތް އެދޭ އެދުން ހާމައެއް ނުކުރާނެ ކަން ޒައިން އަށް އެގެއެވެ. އެހެން ކަމުން ބޭނުންވާ ކަންތައްތައް ވަރަށް ސާފު ބަހުން ޒައިން ހާމަކުރިއެވެ.
“ދެންމެ ދީނާވެސް ހުއްޓެއްނު، އޭނަ ކައިރީގައި ބުނިނަމަ ކިހާ ރަގަނޅު ވީސް. އޭރުން އަހަރެން ކަނދުފައްޗަކަށް ހަދާކަށް ނުޖެހުނީހެއްނު،” އިތުރު ކަމެއްގެ ތެރެއަށް ބޯމަހާލަން ޖެހުނީއޭ ހިތަށް އެރުމުން ނަދުވާއަށް ބުނެވުނެވެ.
“އަހަރެމެން ހީކުރީ ދީނާވެސް މަޑުކުރާނެ ކަމަށޭ. އެކަމަކު… ޕްލީޒް ނަދުވާ އަހަންނަށް މިކަންކޮށްދީ … އަޅެ ޕްލީޒް..” ސިމާމުގެ އަޑުގައި ވަނީ އާދޭހެވެ.
” އާނ އެންމެ ރަގަނޅު. ދެން ތިކަން ވޭތޯ އަހަރެން މަސައްކަތް ކޮށްދީފާނަން…އެކަމު ކާމިޔާބު ވެއްޖިއްޔާ ސައި އޮންނަންވާނެ،” ހީނލަމުން ނަދުވާ ބުންޏެވެ. އަދި ގެއަށް ދިއުމަށް ހިނގައިގަތެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ. ނަދުވާ ކޮށްދިން އަވަހެއް އޮންނާނީ ސައި ލިބޭނެ،” ނަދުވާ ދާންފެށުމުން ސިމާމު ބުނިއަޑުއިވުނެވެ. އެއަޑަށް ނަދުވާވެސް ފަހަތް ބަލާލުމަށް ފަހު ހިނިތުންވެލިއެވެ.
“އެހެންވެ އަހަރެންބުނީ ނަދުވާ ވަރެއް ނޯންނާނެޔޭ،” ސިމާމުގެ ކޮނޑަށް އަތް ވައްޓާލަމުން ޒައިން ބުންޏެވެ.
ސިމާމު އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
” ޖަވާބަކަށް ދޯ އިންތިޒާރުކުރަންވީ؟ ކިހިނެއްބާ ވާނީ؟ ދީނާ ކީކޭ ބާ ނުނާނީ؟” ސިމާމު ބޮލުގައި އަތްކާއްތާލިއެވެ. ކުޑަކޮށްވެސް ހާސްވާކަހަލަ ކަމެއްވެއްޖެނަމަ އެއީ އޭނާގެ އާދައެކެވެ. އިންތިޒާރުގެ ވަގުތު އެހާ ދިގު ވުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. މިހާރުވެސް މާ ގިނަ ދުވަހު އެގޮތަށް އިންތިޒާރުގައި ހުރެވެއްޖެއެވެ. ކަމަކަށް އިންތިޒާރު ކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން ތަހައްމަލު ކުރެވިއްޖެއެވެ. އަދި ލޯބީގެ ކަމެއްގައެވެ. އެހެންކަމުން އެ “އަނިޔާ” އިތުރަށް ގިނަ ދުވަސްތަކަކަށް ދެމިގެން ދާކަށް ސިމާމުގެ ޟަމީރު ގަބޫލެއް ނޫނެވެ. އެހާ ހިތްވަރެއް އޭނާގެ ނެތެވެ.
“ތިކަމާ އެހާވަރަށް ނުވިސްނާ …. ކޮންމެވެސް އެއް ޖަވާބެއް ލިބޭނެ އެއްނު،” ޒައިން އަކީ ކޫލް މީހެކެވެ. އޭނާ އޭގެ ކަންކަމަކާ ހާހެއް ނުވާނެއެވެ. ދުނިޔެއިން އަންހެނުން ހުހެއް ނުވާނެއެވެ. އެއީ ޒައިންގެ އަތްމަތީ ބަހެކެވެ. މޫދުގައިވާ ކޮންމެ މަހަކަށް ގަލެއް ވާނެއެވެ. އަންހެނެއް ނުލިބިގެން ގޮތް ހުސްވެގެން އުޅޭނެ ކަމެއް ނެތެވެ. މިކަހަލަ ބަސްތަކުން ސިމާމުއަށް ހިތްވަރު ދިނުމަކީ ޒައިންގެ އާދައެވެ. އޭނާއަށް ކުދިން ކާމިޔާބު ވާލެއް ފަސޭހަކަމުން ވެސް ވާނީ އެހެންނެވެ.
ނަދުވާ މިސްރާބުޖެހީ ދީނާމެން ގެއާއި ދިމާއަށެވެ. ޒައިންމެން އޭނާއަށް ގޮވުމުން ދީނާ ދިޔައީ އެކަމާ ހިތްހަމަ ނުޖެހިގެންކަން ނަދުވާއަށް އެނގޭތީއެވެ. އެހެންކަމުން ޒައިންމެން ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިއަސް އޭނާ ނިންމައިގެން ހުރީ ދީނާމެން ގެއަށްގޮސް ދީނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ނަދުވާ ދިޔަގޮތަށް ގޮސް ދީނާގެ ކޮޓަރީގައި ދެތިންފަހަރަކު ޓަކިޖެހިތަނާ، އެތެރެއިން ދީނާގެ އަޑު އިވުނެވެ.
” ކާކު؟… ހުޅުވާފަ ހުންނާނީ ވަދޭ އެތެރެއަށް،”
“އަހަ..ނަދުވާތަ. ކޮންވާހަކައެއް އެމީހުން ދެއްކީ؟ އެނެއްކާ ނަދުވާއާއި ކަމެއްދޯ،” ދީނާ އޭނާގެ އެކުވެރިޔާ އާއި ދިމާ ކޮށްލިއެވެ.
” އަހަންނަކާ ނޫން. ދީނާ…،” ނަދުވާ ހީކުރިގޮތަށް ދީނާ ގެ ހިތުގައި ވަނީ ކުށްހީއެއް ކުރެވިފައެވެ. އެކުށްހީއާއިއެކު، އޭނާގެ މޫޑް ވެސް ކޮންމެވެސް ވަރަކަށް ބަދަލުވެފައި ހުރިހެން ނަދުވާއަށް އިޙްސާސް ކުރެވުނެވެ. ވާހަކަ ދެއްކި ރާގުންނެވެ.
“ކީކޭ؟” ދީނާގެ ކަންފަތަށް އިވުނު އިވުން ޤަބޫލު ނުކުރެވޭ ކަހަލަ ގޮތަކަށް ނަދުވާއާއި ދިމައަށް ބަލައިލިއެވެ.
“އަސްލުވެސް …ދީނާ އާއި ރައްޓެހިވާން ސިމާމު ބޭނުންވަނީއްޔޯ. އޭނާގެ މީހަކަށް…،” ނަދުވާ ވާހަކަ ދައްކަމުން ދިޔައިރު ދީނާގެ މޫނުމަތި ވަނީ އުޖާލާވެފައެވެ.
” ދޮގުނުހަދާ ތެދަށް ބުނެބަލަ،” ދީނާ ބޭނުންވީ އިތުރަށް ޔަގީންކުރާށެވެ.
“ކީއްކުރަން އަހަރެން ދޮގުހަދަންވީ. އަހަރެންކައިރީގައި ބުނީ ދީނާގެ ޖަވާބެއް ހޯދައިދޭށޯ..” ނަދުވާ އައިސް ދީނާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.
“އަހަންނަށްވެސް ވަރަށް ކަމުދޭ ކިހާ ރީތި…ކިހާ ސްމާރޓް،” ދީނާގެ ތައުރީފުގެ ބަސްތައް ފުރަތަމަފަހަރަށް ސިމާމުއަށް ރައްދުވިއެވެ.
“ތީގެ މާނައަކީ އާނއެކޭ ދޯ؟ ދެން ސުނޭޔޯ…!” ނަދުވާ ގަސްތުގައި ދީނާ ރުޅިއަރުވާލުމުގެ ގޮތުން ބުނެލިއެވެ.
“ސުނޭ ގެ ވާހަކަ އަހަރެން ކައިރީގަ ނުދައްކާ. އޭނާ އެހާވަރަށް އަހަންނާ ދިމާކޮށް…އަހަރެން ނުކުރާ ކަމަކާ އަހަންނާ ދިމާއަށް އެވަރަށް އެއްޗެހި ކިޔަންޏާ އަހަންނަށްވެސް ޖެހޭނީ އޭނާ މަތިން ހަދާން ނައްތާލަންތާ. ކިތަންމެ ލޯތްބެއް ވިއަސް ދެން ހިޔެއްނުވޭ ސުނޭ ލިބޭނެހެނެއް….އިންތިޒާރުގައި މިހެން ހުރުންވާނީ ހަމަގައިވުވެސް ބޭކާރުކަމަކަށް،” ދިނާ ހުރީ ދެރަވެފައެވެ.
ދެންއައީ ދީނާ އާއި ސިމާމުގެ ލޯބީގެ ބާބު ފެށިގެން އައި ދުވަސްވަރެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދެމީހުންގެ ލޯބިވެސް ދިއައީ ބަދަހި ވަމުންނެވެ. ނަދުވާގެ އެހީތެރިކަމާއެކުގައެވެ. ސިމާމުވެސް ހުންނަނީ ވަރަށް އުފަލުންނެވެ. އޭނާގެ ހިތުގެ އެދުން ފުރިހަމަ ވީމައެވެ.
“މިރޭގެ ޕްލޭން އޮތީ ކޮންގޮތަކަށް؟” ރޭގަނޑު 09 ޖަހާކަށް ހާއިރު ސިމާމު ބައިސްކަލުގައި އައިސް ދީނާގެ ކައިރީގައި މަޑުކޮށްލިއެވެ. އެއީ ދީނާވެސް އާދައިގެ މަތިން ސިމާމުގެ އިންތިޒާރީގައި ގޭގެ ބޭރުގައި މަގުމައްޗަށް ވާގޮތަށް ހުރި ޖޯލިފަތީގައި ޖައްސާލި ވަގުތެވެ.
” އެންމެން އެތައްޔާރުވަނީ ޑްރާމާ ބަލަން… އެވަގުތު ރަނގަޅުވާނެ. އަހަރެން ދާނަށް. މިވަގުތު އަވަހަށް ދޭ މިތަނުން. މަންމަމެން މީހަކަށް ފެނިދާނެ …އޭރުން ކަމަކުނުދާނެ،”
“އެހެންވީމަ… ނުވަގަޑި ބަޔަށް އަންނާނަންދޯ؟ އަހަރެން އިންތިޒާރުކުރާނަން ތުނޑީގައި،” މިހެން ބުނެފައި ސިމާމު ބައިސްކަލު ދުއްވާލިއެވެ.
“ތުނޑިއަށް،” ދީނާއަށް މަޑުމަޑުން ކިޔާލެވުނެވެ. ވާނީ އެހެން ނޫންހެއްޔެވެ. އޭނާ ވަރަށް ބިރުގަނެއެވެ. އެހެންކަމުން ހަޤީޤަތުގައި ދީނާ ތުނޑިއަށް ދާކަށް ބޭނުމެއް ނޫނެވެ. އެހެނަސް ލޯބީގެ ހައްގުގައި ގުރުބާންތަކެއް ވާންވެސް ޖެހޭނެތާއެވެ. ހިޔާލުގެ ތެރެއަށް ގެއްލިފައި އިން ދީނާ އަށް ހޭވެރިކަންވީ ގޭގެތެއިން މަންމަ ގޮވާލި އަޑު އިވުމުންނެވެ. އެހެންކަމުން ދީނާ އެތެރެއަށް ވަނެވެ.
“ދަރިފުޅާ. އެންމެން މިތާ ޓީ.ވީ ބަލަން ތިބިއިރުވެސް ދަރިފުޅު ތިހުންނަނީ ތިތާ ބޭރުގައި…ކީއްތަވާނީ މިތާ މަންމަމެން ކައިރީގައި ހުރީއްޔާ؟ ބޭރުގައި ތިހެންހުރެގެން ރީތި އަޑެއްވެސް ނާރާނެ… މިހާރު ކޮންމެ ރެއަކުތީ ދީނާގެ އާދައަކަށް ވެއްޖެ،” ދިޔާނާ ނަޞޭހަތްތެރިވިއެވެ. މައިންބަފައިން އަބަދުވެސް ދަރިންނަށް ނަޞޭހަތްތެރި ވާންވާނެއެވެ.
“ދެން މަންމާ. ހޫނު ވާތީއޭ އަހަރެން ބޭރަށް ނުކުތީ. ހެޔޮތަ އަހަރެން ނަދުވާމެންގެއަށް ދިޔައަސް؟” ނުވަގަޑި ބަޔަށް ގެއިން ބޭރަށް ދެވޭގޮތެއް ދީނާ ރާވާލިއެވެ.
“ހޫނ…އެކަމަކު ބުނަން އަވަހަށް އަންނަންވާނެކަން ހަދާންކުރަންވާނެ،”
ދީނާގެ މަންމަ ހުއްދަދިނުމުން، ވީއުފަލެއްގެ ބޮޑުކަމުން އެތާހުރެފައި ދީނާއަށް ނަށައި ނުގަނެވުނީ ހަމަކިރިޔާއެވެ. ލާނެތް ހިނތުންވުމެއް ދީނާގެ ތުންފަތަށް ވެރިކުރުވިއެވެ. އެމީހުންގެ ރޭވުން
ކާމިޔާބުވީމައެވެ. ގަޑީގެ ކަށި އެނބުރެމުން ގޮސް ނުވަގަޑި ބައިވާން ފަސްވަރަކަށް މިނެޓަށް ވީއިރު ދީނާއާއި ނަދުވާ ހިނގަމުންދިޔައީ ރަށުގެ ތުނޑިޔާއި ދިމާއަށެވެ.
(ނުނިމޭ)