ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީއިން 3 ރަށެއްގައި އަޟްހާ އީދު ދުވަސް ފާހަގަ ކުރަން ނިންމައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީއިން ވަނީ އެ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލްހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެ ފަރާތުން ބުނެފައިވަނީ މިއަހަރު އަޟްހާ އީދު ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށާއި، އެގޮތުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެތެރެއިން އަޟްހާ އީދު ފާހަގަކުރާނެ 3 ރަށެއް ކަނޑައަޅާނީ އަޟްހާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ހަރަދުތަކާއި،އަދި އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އެއްވެސް ރަށަކުން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ބޭނުންވާނަމަ އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރުކުރެއްވުމަށްފަހު މެއި 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެ މިނިސްޓްރީއަށް
ޕްރޮޕޯޒަލް އީމެއިލް ކުރުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.
ހުށަހަޅާ ޕްރޮޕޯޒަލްގައި ރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދާއި، އާންމުކޮށް ދިރިއުޅޭ މީހުންގެ އަދަދާއި ރަށުގެ ބޮޑުމިނާއި އީދުގައި ރަށަށް ޒިޔާރާތްކުރާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދު ހިމަނަންޖެހޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
މީގެ އިތުރުން އަޟްހާ އީދުގެ 3 ދުވަހު ކުރިއަށް ގެންދާނެ ހަރާކާތްތައް ހިމަނަންވާނެ ކަމަށާއި އީދުގެ ހަރަކާތްތަކުގައި އިސްރަށްވެހިންނާއި ހާއްސަ އެހީއަށްބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭފަދަ ކުޅިވަރުތައް ހިމަނަންވާނެ ކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީއިން ބުނެއެވެ.
އަދި ހަމަ އެހެންމެ، ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ޖުމްލަ ފައިސާގެ އަދަދުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީއިން ފޯރުކޮށްދިނުމަށް އެދޭ ފައިސާގެ އަދަދުޕްރޮޕޯޒަލްގައި ހުށަހަޅަން މިނިސްޓްރީއިން ވަނީ އަންގާފައެވެ.