އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ޗައިނާއަށް ވަޑައިގެންފިއެވެ.
ބްލިންކެން ޗައިނާއަށް ވަޑައިގަތުމުގައި އޮތީ މައިގަނޑު ދެ ބޭނުމެކެވެ. އެއީ ޗައިނާއިން ރަޝިއާއާ ގުޅުން ބަދަހިކުރުމަށް ހުރަސްއެޅުއްވުމާއި، ރަޝިއާ އާއެކު އަސްކަރީ އެއްބަސްވުންތައް ނުހެދުމަށް ޗައިނާއަށް ގޮވާލެއްވުމެވެ. އަދި އަނެއް ބޭނުމަކީ ޗައިނާ އާއެކު ގާތް ގުޅުމެއް ދެމެހެއްޓުމާއި ބައިނަލްއަގްވާމީ މުޖުތަމައުގައި އެމެރިކާ އެދޭ އެދުންތަކަށް ޗައިނާ ކިބައިން ވާގިވެރިކަން ހޯއްދެވުމެވެ.
ޗައިނާއިން ދުނިޔޭގައި ގެންގުޅޭ ވިޔަފާރި އުކުޅުތަކުން އެމެރިކާއަށް ގެއްލުން ބޮޑުނުވާނެ ގޮތެއް ހޯއްދެވުމާއި، ޗައިނާއިން ގައުމުތަކުގައި ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެމެރިކާގެ ރައީސް ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކަށް ހުރަސްނޭޅޭނެ ގޮތެއް ހޯއްދެވުމަކީ ވެސް ބްލިންކެން ކުރައްވާނެ ކަމެކެވެ.
މިއީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރެވެ.
ބްލިންކެންގެ މި ދަތުރުގައި ޗައިނާއިން ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް ދަންނަވާނެ އެވެ. ޗައިނާއިން އަސްކަރީ އެހީތެރިކަން ރަޝިއާއަށް ފޯރުކޮށްދޭހާ ހިނދަކު ޔުކްރޭނަށް ކާމިޔާބު ހޯދައިދިނުމަށް އެމެރިކާ ކުރާ މަސައްކަތްތައް ކޮޅެއްގައި ނުޖެހޭނެ އެވެ.
ޓައިވާނަށް އަސްކަރީ ގޮތުން އެހީތެރިވުމަކީ އެމެރިކާއިން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ޗައިނާއިން އޮތީ ބުނެފަ އެވެ. މިހެން ބުނެފައި އޮއްވައި ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ އިން 95 ބިލިން ޑޮލަރުގެ ޕެކޭޖެއް ވަނީ ފާސްކޮށްފައެވެ.