ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ބިލް ތަކުން ޑިސްކައުންޓް ދީފައިވާނެ ކަމަށް ސްޓެލްކޯ އާއި ފެނަކައިން އިއްޔެ ބުނެފިއެވެ.
ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު ރޯދަ މަހު އިތުރުވެ، ބިލުތައް ބޮޑުވާތީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން، ބިލްތަކުން ޑިސްކައުންޓެއް ދިނުމަށްރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
މިކަމާ ގުޅިގެން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ޑިސްކައުންޓް ދިން ގިނަ ބިލުތައް ރޯދަމަހުގެ ބޮޑު ބަޔަކާ ދިމާވި ކަމަށާއ 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށެވެ.
ފަހުމީ ވިދާޅުވީ، ރޯދަ މަސް ބައްދަލުވީ ހޫނު ދުވަސްވަރަކަށް ކަމުން، އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ކަރަންޓުގެ ހަރަދު ބޮޑުވާކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ޑިސްކައުންޓު ދީފައިވާނީ އާއްމު މަސްތަކުގެ ކެޕް ބަލައިގެން ކަމަށެވެ. އަދި އާއްމު މަސްތައް ބަލާފައިވާނީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ދިން ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.
ފެނަކާ އާއި ސްޓެލްކޯއިން މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލްތަކުން ޖުމުލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވަނީ ދީފައެވެ.