ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ޒަމީރުގެ މި ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެއް ކަމުގައެވެ. އަދި އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަހްމަންޔަމް ޖައިޝަންކަރާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ.
އެ މަނިކުފާނު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން އުޅުއްވާކަމުގެ މައުލޫމާތު މިދިޔަ ހަފްތާގައި އިންޑިއާގެ މީޑިއާތަކުން އާންމުކޮށްފައިވެއެވެ.
މި ދަތުރުފުޅަކީ ހިނގަމުން މިދާ ސަރުކާރުގައި އިސް ބޭފުޅަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެއެވެ.