ދިވެހި ފުލުހުންނާއި އިމިގްރޭޝަންގެ ނަމުގައި ވަޓްސް އެޕް މެދުވެރިކޮށް ރާއްޖެއިން ބޭރުން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމާ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ވަޓްސް އެޕް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ އެކި ނަމްބަރުތަކުން ފުލުހުންގެ ނަމުގައި އެކި ފަރާތްތަކަށް ގުޅަމުން އަންނަ ކަމުގައެވެ.
ފުލުހުންގެ އިތުރުން އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން އެގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ވީޑިއޯ ކޯލު މެދުވެރިކޮށް އެގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް އެދޭ ކަމަށާއި ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމުގައި ފުލުހުން ބުނެފައިވެއެވެ.
އެގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ.
އެކި އެކި ނަންނަމުގައި އެކި ގޮތްތަކަށް ރާއްޖޭގައި ހިންގާ ސްކޭމްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، ބައެއް ފަރާތްތަކުގެ އަތުން ގިނަ އަދަދަކަށް ފައިސާ ފޭރެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.