ޕްރިޒަން އޮފިސަރުން ތަމްރީނު ކުރުމުގެ 29 ވަނަ އަސާސީ ކޯސް މާފުށީ ޖަލުގައި ފަށައިފިއެވެ.
ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ޕްރިޒަން އޮފިސަރުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ މި ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފެވެ.
މި ރަސްމިއްޔާތުގައި އައިކޯސްޓްގެ ޑައިރެކްޓާ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުލް ޣަނީ އާއި މާފުށީ ޖަލުގެ ޑައިރެކްޓާ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން އާއި ޖަލުގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
15 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީނު ކޯހުގައި 16 އަންހެން ޕްރިޒަން އޮފިސަރުންނާއި 26 ފިރެހެން ޕްރިޒަން އޮފިސަރުން ހިމެނޭހެން ޖުމްލަ 42 އޮފިސަރުން ބައިވެރިވެފައިވެއެވެ.
ޕްރިޒަން ކޯހަކީ، އަށް މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ ތަމްރީނު ކޯހެކެވެ. މި ކޯހުގެ ތެރެއިންގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަން އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދެވޭނެއެވެ.