ރައްޔިތުންގެ މަޖިލިހުގެ 19 ވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.
މިއަދުގެ ޖަލްސާއަށް ޖުމުލަ ދެ ޤަރާރެއް އެޖެންޑާކޮށްފައިވާއިރު، އެއީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ޓޫރިސްޓް ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް / އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ޚިދުމަތް ތަޢާރަފްކުރުމަށް ގޮވާލައި ހުށަހެޅި ޤަރާރާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގެ ފަހުޖަލްސާ މި މަހުގެ 15 ގައި ބެއްވުމަށް އޮތްނަމަވެސް މަޖިލިހުގެ ރިޔާސަތުން ނިންމެވީ، މި ދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އައު ދައުރަކަށް އިންތިހާބުވި މެމްބަރުންގެ ހުވާ ކުރުން މި މަހުގެ 28 ގައި އޮންނައިރު 20 ވަނަ މަޖިލީހުގައި މައިނޯރިޓީއަށް އިހުތިރާމް ކުރާ މެޖޯރިޓީއެއް ފެނިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.