ހައްދުފަހަނަ އަޅާއިފައިވާ އިސްރާއީލު ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން އިސްރާއީލަށް އިތުރު ފިޔަވަޅުތއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ދުނިޔޭގެ ޖިނާއީ ކޯޓަށް ގޮވާލެއްވުމުން ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް ޝުކުރު އަދާކޮށްފިއެވެ.
އެގޮތުން ރާއްޖެއަށް ލިބިފައިވާ ޕްލެޓް ފޯމުގެ ބޭނުން ހިފައި، ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށް އެ ގައުމުގެ ސަރުކާރުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައާއި ދެކޮޅަށް އެ ގައުމާއި މެދު އިތުރު ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ ކްރިމިނަލް ޖަސްޓިސް ކޯޓު (އައިސީޖޭއިން)އަށް ދެކުނު އެފްރިކާއިން ހުށަހަޅައިފައިވާ މައްސަލައަށް ފުރިހަމައަށް ތާއީދުކޮށް އެ ފިޔަވަޅުތައް އަވަސްކުރުމަށް އިއްޔެ ރައީސް ޑރ މުހައްމަދު މުޢިއްޒު ވަނީ އިއްޔެ ގޮވާލައްވައިފައެވެ.
އެގޮތުން އިސްރާއީލު ސިފައިންގެ އަތްދަށުގައި ޣައްޒާ ސުންނާފަތިކޮށްލާފައިވާއިރު، ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ތިބެގެން ނުވާނެކަމަށާއި، ޣައްޒާގައި، ހާއްސަކޮށް ރަފާގައި މިހާރު ފެންނަމުންދާ މަންޒަރުތަކަކީ މާޔޫސްކަމާއި، މީހުން ގެދޮރު ދޫކޮށް ދާން ޖެހުމާއި މަރުގެ މަންޒަރުތައް ކަމުގައި ރައީސްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.