މާމުޔަކީ ކޮންމެ ގެއެއްގެ ބަދިގެއިންވެސް ފެންނާނެ އެއްޗެކެވެ. މާމުޔަކީ ތަފާތު ގިނަ ކާއެއްޗިހި ތައްޔާރުކުރުމަށް ބޭނުންކުރެވޭ އެއްޗަކަށް ވީނަމަވެސް، މާމުޔަކީ ނިސްބަތުން މަދުން ބޭނުންކުރާ އެއްޗެކެވެ. އެހެންކަމުން، އާންމުކޮށް މާމުއި ފުޅިއެއް ހުސްނުވެ ވަރަށް ގިނަ މަހަށް، ނުވަތަ އަހަރަކަށް ވެސް ބޭނުންކުރެވިދާނެއެވެ. އެހެންވެއްޖެ ނަމަ މާމުއި ހަލާކުވެދާނެ ހެއްޔެވެ؟ މާމުއި ހަލާކުވެއްޖެނަމަ އެނގޭނީ ކިހިނެއް ހެއްޔެވެ؟
މާމުޔަކީ ގަސްގަހުގައި އަޅާ މަލުގެ ފޮނިން މާބުރު އުފައްދާ އެއްޗެކެވެ. ދުނިޔޭގައި އެތައް ސަތޭކަ ވައްތަރެއްގެ މާމުއި ހުރެއެވެ. މިއިން ކޮންމެ މާމުޔެއް ޙާއްސަވަނީ އޭގެ ތަފާތު ރަހައިންނެވެ. މާމުއިގެ ކުލައާއި ރަހަ ބިނާވެފައިވަނީ އެ މާމުޔެއ އުފެދިފައިވާ ގަސް ނުވަތަ މަލަށެވެ. އާންމުގޮތެއްގައި މާމުއިގެ ކުލަ ގަދަވާ ވަރަކަށް އޭގެ ރަހަ ގަދަވެފައި މީރުވާނެކަމަށް ބެލެވެއެވެ.
މާމުއި އުފެދިފައިވަނީ 80އިންސައްތަ ހަކުރާއި 18އިންސައްތަ ފެނުންނެވެ. މާމުއިގައި ހިމެނޭ މިކުޑަ އަދަދުގެ ފެނުގެ ސަބަބުން މީގައި ބެކްޓީރިއާ އުފެދުމާއި ފުސްޖެހުމުން ދުރުކޮށްދެއެވެ. އަދި މާމުއިގެ އޮލަކަމުން މީގައި އޮކްސިޖަން ދައުރުވާނެ ޖާގައެއް ނުހުރެއެވެ. އޮކްސިޖަން ދައުރުނުވާ އެއްޗެއްގައި ބެކްޓީރިއާ އެއް ނުއުފެދޭނެއެވެ. ވީމާ މާމުޔަކީ އޭގެ މުއްދަތު ހަމަވާ ތާރީޚެއް ވާއެއްޗެއް ނޫނެވެ. ނަމަވެސް، އިތުރު އެއްޗެއް އެޅިގެން ނުވަތަ ރަނގަޅުތަނެއްގައި ނުބެހެއްޓިއްޖެނަމަ، މާމުއި ހަލާކުވުމުގެ ފުރުސަތު އޮވެއެވެ.
އެންމެ ގިނައިން ދިމާވާ އެއްކަމަކީ މާމުއި ގަނޑުވުމެވެ. މިގޮތަށް ގަނޑުވި ނަމަވެސް މާމުއި ހަލާކުވީކީއެއް ނޫނެވެ. މިގޮތަށް ދިމާވަނީ މާމުއީގައި ހުންނަ ހަކުރާއި ފެން ވަކިވުމުންނެވެ. ގަނޑުވެފައި ހުއްޓަސް މާމުއި ބޭނުންކުރެވިދަނެއެވެ. ނަމަވެސް ބޭނުންވަނީ މާމުއި ދިޔާކޮށް ހުންނަންކަމުގައި ވާނަމަ، މާމުއި ފުޅި ކުޑަ ހޫނު ފެންފޮދަކަށް ލައިގެން ދިޔާކުރެވިދާނެއެވެ.
މާމުއި ރައްކާތެރިކަމާއިއެކު ބެހެއްޓުމަށް ކުރެވިދާނެ ކަންކަންވެސް އެބަހުއްޓެވެ. މިސާލަކަށް ވައި ދައިރު ނުވާފަދަ ތަށްޓެއް ނުވަތަ ފުޅިއެއްގައި ބަންދުކުރުމާއި ރަނގަޅު ފިނިހޫނުމިނެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. މީގެއިތުރުން އެހެން އެއްޗެއް ނޭޅޭނެ ފަދަ ގޮތަކަށް ބަންދުކުރުމާއި ފެނުގެ އަސަރު ނުކުރާނެހެން މާމުއި ބަންދުނުކޮށްފިނަމަ މާމުއީގައި ބެކްޓީރިއާ އުފެދި ފުސްޖެހުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.
މާމުޔަކީ އޭގެން ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާ އެއްޗެކެޗެވެ. ޒަމާނުއްސުރެ ބޭސްވެރިކަމަށް ވެސް މާމުޔަކީ ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. އަދި މިހާރުވެސް ބައެއް ވައްތަރުގެ އިންފެކްޝަންތަކަށް ބޭސްކުރުމަށް ޙާއްސަ ވައްތަރުތަކުގެ މާމުއި ބޭނުންކުރެއެވެ. މީގެއިތުރުން ކެއްސުން ރަނގަޅުކުރުމަށް މާމުޔަކީ ރަނގަޅު ފަރުވާއެއްކަމަށް އެކި ހޯދުންތަކުންނާއި މީހުންގެ ތަޖުރިބާއިން އެނގިފައިވެއެވެ.