މީހަކަށް ބިރު ދައްކައި ފައިސާ ފޭރުނު މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހެއް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދުމަށް އިއުލާނުކުރީ، ސ. ހިތަދޫ، ސޯމާ 34 އަހަރުގެ ޝަފީގު އިބްރާހީމެވެ.
ފުލުހުން ބުނީ، އޭނާ ތަހުގީގަށް ހާޒިރުކުރަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށްކަމުގައެވެ.
އެ ގޮތުން މީހަކަށް ވަޅިން ބިރުދައްކައި ހުއްދަނޫން ގޮތުގައި އެމީހާ ހިފަހައްޓައި މާރާމާރީ ހިންގައި، ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ބެންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޝަފީގު އިބްރާހީމްއަށް ތަހުގީގަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ޝަފީގު އިބްރާހީމް ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.