” ކީއްކުރަނީ … އަހަރެންގެ އިންތިޒާރުގަދޯ؟” ދީނާގެ މޫނުން އަތް ނަގަމުން ސިމާމު ބުނެލިއެވެ.
” ނުފެނޭތަ …؟ ވާހަކަ ފޮތެއް ކިޔަނީނު…ސިމާމު ހާދަ މޫޑް ގޯސްވެފައި … ކިހިނެއްވީ؟ ” މިލާ މޯޅިވެފައިވާ ސިމާމުގެ މޫނު ފެނުމުން ދީނާއަށް ތެޅިގަނެވުނެވެ.
” އަހަރެން މިއުޅެނީ ދެން އެންމެ އަވަހަށް ފުރާ ދޯންޏަކުން މާލެ ދާން … ވަޒީފާއެއް ހަމަޖެހިގެން ޒައިން ގުޅައިފި، ”
” އެހެންތަ؟ ހާދަ ރަނގަޅޭ،” ދީނާ ހުރީ އުފަލުންނެވެ . ސިމާމަށް ވަޒީފާއެއް ހަމަޖެހުމުންނެވެ. އޭނާއަށް އެނގެއެވެ. އަވަހަށް ކައިވެނި ކުރެވޭނީ ސިމާމަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުން ދުވަހަކުންނެވެ. ހަމަ އެހިނދުކޮޅު އޭނާއަށް ވިސްނާލެވުނެވެ. ލޯބިވެރިޔާއާއި ދުރުގާ ހުރުމަށް ދީނާއަށް ކެތްވާނެ ހެއްޔެވެ. އެޚިޔާލު އައުމާއެކު ދީނާ ދެރަވިއެވެ.
” އަހަންނާ ވަކިވާން ޖެހޭތީ ލޯބި ދެރައެއް ނުވޭތަ؟ އަހަރެން މިހުރީ ވަރަށް ދެރަވެފައި .. ދީނާ އެހާ ލޯބި ނުވަނީދޯ؟” ސިމާމު ވާހަކަދެއްކީ ވަރަށް އަސަރާއެކުގައެވެ.
” ތިހެން ނުބުނޭ ސިމާމް. ތީއަހަރެންގެ ފުރާން…އަހަރެންގެ ދިރުން… އަހަރެން ބެނުންވަނީ ސިމާމު އަހަންނާއި ވަކިން އެހެންތަނެއްގައި ހުއްޓަސް އުފާވެފައި ހުންނަން…އަހަރެން މާބޮޑަށް ދެރަވެއްޖެ ނަމަ ސިމާމު ނުގޮސްދާނެތީ އެހެންބުނީ،” ދީނާއަށް ހަމަ ރަގަނޅަށްވެސް ރޮވުނެވެ. ސިމާމު ގެ ދުލުން އެފަދަ ލަފްޒެއް ބޭރުވެދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ. ސިމާމުއަށް ވިސްނާލެވުނެވެ. އޭނާއަށް ބުނެވުނު އެއްޗަކާމެދުއެވެ. އަދި އަމިއްލަ ނަފްސަށް މަލާމާތްކުރެވުނެވެ. އެގޮތަށް ވިސްނުނީތީއެވެ. ދީނާ ގެނަސް އޭނާގެ މޭމަތީގައި ލައްކޮށްލިއެވެ. ދުވަހަކުވެސް ވަތްކެއް ނުވާނަމޭ ބުނަމުންނެވެ. ސިމާމުގެ އެތަނަވަސް މޭމަތީގައި ބޯއަޅާލައިގެން ރޮއިލަރޮއިލާ ދީނާ އޮތެވެ.
” ހެޔޮނުވާނެ ލޯބީ . . .ދެން އެވަރަށް ނުރޮއި . . މިއީ އެންމެ ފަހުގެ ބައްދަލުވުން،” ސިމާމު އެތައް އާދޭހެއް ކުރުމުން ދީނާ ތެދުވިއެވެ.
” އަހަރެން އަންނަންދެން ވަފާތެރިކަންމަތީ ހުރެދޭތި . . . އަހަރެންވެސް އެގޮތުގައި ހުންނާނަން. ތިން އަހަރު ފަހުން އިންޝާ ﷲ ތީ އަހަރެންގެ މީހަކަށް ހަދާނަން،” ސިމާމު ވައުދު ވިއެވެ.
” ތިން އަހަރު ފަހުން . ހާދަ ދިގު މުއްދަތެކޭ . ޗުއްޓީއަށްވެސް ނާންނަންތަ އަޅެ ލޯބީ،” ދީނާ ޝަކުވާ ކޮށްލިއެވެ. ތިން އަހަރު ދުވަސް މާދިގު ވުމުންނެވެ.
” ނޫނޭ ޗުއްޓީއަށް އަންނާނެ އެއްނު… ތިންއަހަރުފަހުން ދީ އަހަރެންގެ އަނތްބަކަށް ހަދާނަމޭ މިބުނީ،” ދީނާ އުނަގަނޑުގައި ހިފައި ގާތްކޮށްލަމުން ސިމާމު ވާހަކަ ދެއްކިއެވެ. އޭނާގެ ކަޅި ހުއްޓާލައިގެން ހުރީ ދީނާގެ ލޮލާއި ދިމާއަށެވެ. ދެ ލޯބިވެރިންގެ ހަތަރު ކަޅި ހަމަވުމާއެކު، މަސްތުވީ އަސަރުތަކެއް ދެބައިވެރިންނަށްވެސް ކުރަމުން ދިޔައެވެ. އެދެމީހުންގެ މޫނުމައްޗަށް އަރައި ފައިބަދުންދާ ކުލަވަރުން އެކަން ޔަގީންކޮށްދެއެވެ.
” ސިމާމު ހާދަ ލާނެތް ވެއްޖެއޭ …! ” ދެއަތުން ސިމާމުގެ މޭމަތީގައި ޖަހާލަމުން ދީނާ ހީލިއެވެ. ސިމާމުވެސް ދީނާގެ ހުނުމުގައި ބައިވެރި ވިއެވެ.
” ސިމާމު؟ ” ހަމަހިމޭން ކަމުގެ ހިނދުކޮޅަކަށްފަހު ދީނާ ވާހަކަދެއްކިއެވެ.
” ކިހިނެއްވީ؟”
” ލޯބި ފުރާ ދުވަހު އަހަރެން އަތިރި މައްޗަށް ދިޔަސް އޯކޭތަ؟” ދީނާ ސުވާލުކޮށްލިއެވެ. ސިމާމު ފުރާތަނަށް ދިއުމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
“އެއީ ކިހިނެއްވީ…. ތިހެން ތިއެހީ؟” ސިމާމު އެހިއެވެ.
” ނޭންގިގެންތަ ތިއަހަނީ .. ލޯބި ފުރުމުގެ ކުރިން ވަދާއީ ސަލާމް ކުރާކަށެއްނު؟ ” ދީނާ ލާނެތް ގޮތަކަށް ހީލިއެވެ.
” ދެން ދަނީއްޔޭ …. ފުރުމުގެ ކުރިން އަދި އަންނާނަން ” ސިމާމު ހިނގައިގަތެވެ. މޮޅިވެރިކަމާއެކު ދީނާވެސް ސިމާމުގެ ފަހަތުން ނުކުތެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ގޭތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ، ނަދުވާމެން ގެއަށް ދިއުމަށް ދީނާ ނުކުތެވެ. ނަދުވާގެ ކޮޓަރި ދޮރު ހުޅުވާލިއިރު ކޮންމެވެސް ފިކުރެއްގައި ނަދުވާ އިންތަން ދީނާއަށް ފެނުނެވެ. ދީނާ ފެނުމުން ހިނިތުންވުމުގެ އަސަރު ގެންނަން ނަދުވާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ނަދުވާގެ އޮފު ކެނޑިފައިވާ މޫނު ދީނާއަށް ސިއްރެއް ނުވިއެވެ.
” އަހަރެން އައި ބޭނުމަށްވުރެ . . ނަދުވާއަށް ވެފައި ތިހުރި ގޮތް އޮޅުން ފިލުވަން މިހާރު މާ ބޭނުން،” ނަދުވާ ކައިރީ އެނދުގައި ދީނާ އިށީނެވެ.
” އަހަންނަށް އެއްވެސް ކަމެއް ނުވޭ،”
” ކަމެއް ނުވާނަމަ، ނަދުވާގެ މޫނުން ހިތާމައިގެ ކުލަވަރުތައް ފެންނަނީ ކީއްވޭ …. އަޅެ އަހަންނަށް ވެގެން އުޅޭގޮތެއް ކިޔާ ދީބަލަ،” ދީނާ މިގޮތައް އެތައް އިރަކު ވާހަކަ ދެއްކުމުން އެންމެފަހުން ނަދުވާ ، އޭނާއަށް ވެގެން އުޅޭ ގޮތް ކިޔައިދޭން ފެށިއެވެ.
” މަންމަ ނިންމައިފި ކިޔަވައި ނިމުމުން އަހަރެން މާލެ ފޮނުވަން…ގެއަކަށް މަސައްކަތް ކުރާ ގޮތަށޯ … ވަރަށް ފޫހިވޭ،” ނަދުވާ ނިންކުރިމައްޗަށް ރޫ އަރުވާލިއެވެ.
” ނަދުވާ އަށް ކަމުދާ ކުއްޖެއް މިރަށަކުވެސް ނޫޅޭ. މާލެއިން ރަނގަޅު ކުއްޖެއް ވެސް ފެނިދާނެ އެއްނު…ކީއްކުރަން ދެރަވާންވީ،” ދީނާ ސަމާސަ ކޮއްލިއެވެ.
” ކޮންމެ ކަމެއްވެސް ދީނާ ހަދާނީ މަޖަލަކަށް. ތިޔަ ކަހަލަ ރަހުމަތްތެރިންނާއި ވަކިވެގެން ކިހެނެއް ދެވޭނީ…އެކަމަކުވެސް…އަހަންނަށް މަޖުބޫރު. މަންމަގެ ބުރަ މަސައްކަތުން ކިޔަވައިދިނުމުން އަހަރެން ޖެހޭނެތާ މަންމަ ބުނާ ގޮތެއް ހެދޭތޯ ބަލަން … އެހެން ނޫނަސް މަންމަ އެވަނީ މުސްކުޅި ވެފައި .. އަހަރެނެމެން ދެމައިން އެކަނި އުޅޭ އިރު އަހަރެން ޖެހޭނެތާ ފައިސާ ހޯދަން މަސައްކަތެއް ކުރަން. ރަށުގައި ވަޒީފާއެއް ވެސް ނެތް، ” ނަދުވާ ފެންކަޅިވެ ހުރި އޭނާގެ މަޖުބޫރީ ހާލަތު ކިޔައި ދިނެވެ.
” އޯލެވެލް ހަދައިގެން ގެއަކަށް ނޯކަރުކަން ކުރަން ދިއުމަށް އަހަރެންވެސް ހިތްހަމައެއް ނުޖެހޭ . . .އެކަމަކު ދެރަ ނުވޭ ނަދޫ … ތިނިންމީ އެންމެ ރަގަނޅު ގޮތައް. ހުރިހާކަމެއް ވެސް ރަގަނޅު ވާނެ އިންޝާﷲ…ތި ދެއްކި ވާހަކައަކުން ހަދާން ނެތިފައޭ މިހުރީ … އަހަރެން ބުނަން އުޅުނީ ސިމާމުވެސް ވަޒީފާ އަކަށް މާލެ ދާން އުޅެނީ. އޭރުން އަހަރެން ކިހާ އެކަނިވާނެ،”
” ސިމާމު ދަނީތަ ” ހައިރާންވެފައި ނަދުވާ އަހައިލިއެވެ. ދީނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އިރު އާދުވަހަކަށް ދުނިޔެއަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން ދަނީއެވެ. ތާޒާ ވައި ރޯޅިތަކުން ހިތްތަކަށް ފިނިކަން ލިބެމުން ދިޔަ ނަމަވެސް ސިމާމުގެ އެތެރެ ހަށި ދިޔައީ އުދާސް ވަމުންނެވެ. ހާސްކަމާއި ހިތާމައިގެ ކުލަތައް އޭނާގެ މޫނުމަތިން ސިފަވަމުން ދިޔައެވެ. ފޮއްޓަށް އެއްޗެތި އަޅާ ނިންމާލުމަށްފަހު، އަތިރިމައްޗަށް ދިއުމަށްޓަކައި ހިނގައި ގަތުމުގެ ކުރިން މައިންބަފައިންނާއި އެންމެ ފަހުގެ ސަލާމް ކޮށްލިއެވެ.
އަތިރިމަތީގައި މަޑުކޮއްލައިގެން ހުރި އިރު ސިމާމު ދިޔައީ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންނެވެ. އޭނާގެ ހިތުގެ މަލަކާ ކަމުގައިވާ ދީނާ ފެނޭތޯއެވެ. އުންމީދުކުރިގޮތާއި ޚިލާފަށް އެސަރަހައްދުން ސިމާމަށް ދީނާ ފެންނާކަށް ނެތެވެ. ފުރާގަޑި ކައިރި ވަމުން ދިޔަ ވަރަކަށް ސިމާމުގެ ސިކުޑި ހާސްވަމުން ދިޔައެވެ. ހިތުގައި ވަސްވާސް އުފެދިގެން ދިއުމާއެކު ލޯ ފެންކަޅިވާން ފެށިއެވެ.
– ނުނިމޭ –