-Advertisement-

-Advertisement-

ބުރާސްފަތި ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ގޯސް

ފޮޓޯ: މޫސުމާ ބެހޭ ޤައުމީ އިދާރާ

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން ފެށިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެއެވެ.

ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެންމެ ބޮޑަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށެވެ. އެހެންނަމަވެސް ހުރިހާ ސަރަހައްދަކަށް ވެސް ވައި ބާރުވާނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

އާންމުގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު މޭ މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ރާއްޖޭގެ ދެކުނަށް ކުރާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރެއަށް ހުޅަނގު މޫސުމުގެ އަސަރު ކުރަނީ އޭގެ ފަހުން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އެހެންކަމުން މުޅި ރާއްޖެއަށް ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކާ ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ގެންދަނީ ވަކިވަކި ހިސާބުތަކަށް މޫސުމާ ގުޅިގެން ނެރެން ޖެހޭ ސަމާލުތައް ނެރެ އެންމެ ފަހުގެ މައުލޫމާތު މީހުންނަށް ފޯރުކޮށްދެމުންނެވެ.

މީގެ ކުރިން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅަނގު މޫސުން ދެމިއޮންނާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-