ވޯކް ވިސާ ޖެހުމަށް ފަހު އޮންލައިންކޮށް ނަންބަރު ނަގައިގެން ޕާސްޕޯޓާ ހަވާލުވެވޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރުފުކޮށްފިއެވެ.
މިއަދުން ފެށިގެން އައު ބަދަލަށް އަމަލުކުރަން ފަށާގެކަން އިމިގްރޭޝަނުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އަދި އޮންލައިންކޮށް ނަންބަރު ނަގާ ފަރާތްތަކަށް އޭންޓް ކިއު އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެކަމަށާއި ކިއުގައި ބާކީ ތިބި މީހުންގެ އަދަދު ބަލާލެވޭނެކަމަށް އިމިގްރޭޝަނުން ބުންޔެވެ.
5 ނުވަތަ އެއަށް ވުރެ މަދު ނަންބަރު ނަގާ ފަރާތެއް ނަމަ، ނަންބަރު ދޫކުރާނީ 9:00އިން 10:30އަށެވެ. އަދި ނަންބަރަށް ހިދުމަތް ދޭނީ 10:00އިން 15:00އަށެވެ. 6 ނުވަތަ އެއަށް ވުރެ ގިނަ ނަންބަރު ނަގާ ފަރާތެއް ނަމަ، ނަންބަރު ދޫކުރާނީ 11:30އިން 12:30އަށެވެ. އަދި ނަންބަރަށް ހިދުމަތް ދޭނީ 13:15އިން 15:00އަށެވެ.
އިމިގްރޭޝަނުން ހާމަކުރާގޮތުގައި މި ބަދަލާ އެކު ޚިދުމަތް ހޯދާ ފަރާތްތަކަށް އެތައް ގުނައެއް ފަސޭހަވެގެންދާނެއެވެ. މީގެ ކުރިން މި ނަންބަރު ހަމައެކަނި ދޫކުރަމުން ދިޔައީ ޕާސްޕޯޓާ ހަވާލުވާ މަރުކަޒުންނެވެ.