ގ. ދޮންފެހި ގޭގެ ފުރަތަމަ ފަންގިފިލާގެ ފާޚާނާގެ ތަޅުމުގައި އުފެދޭ ފެން މަގުމައްޗަށް ފައިބާ ގޮތަށް އިމާރާތުގެ ފާރުގައި ލޯވަޅެއް އަޅައިފައި ހުއްޓައި ފެނިއްޖެއެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި މި ކަން ކުރި މީހުން މިހާރު ވަނީ ޖޫރިމަނާ ކުރެވިފައެވެ. އަދި އެ ފަރާތަށް ވަނީ އެ ކަން ރަނގަޅުކުރުމަށް ނޯޓިސް ވެސް ދެވިފައެވެ.
މާލޭގެ އިމާރާތްތަކުންނާއި ބެލްކަނިތަކުން މަގުމައްޗަށް ފެން ފެއިބުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް އެކަމުގެ ސަބަބުން ދިމާވާ ދުއްތުރާތައް ހައްލުކުރުމަށް، މާލޭ ސިޓީ ކައުންސިލުން އިންސްޕެކްޝަންތައް މިހާރު ވަނީ ފެށާފައެވެ.
މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް މި އިންސްޕެކްޝަންތަކުން ހޯދިފައިވެއެވެ. އަދި އެ ތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އިމާރާތްތަކުގެ ވެރިންނަށާއި އެ ތަންތާނގައި ދިރިއުޅޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.