ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ކަޔަކެއްގައި މޫދަށް ފައިބައި އުޅެނިކޮށް އިއްޔެ ގެއްލުނު އެ ރިސޯޓުގެ ބިދޭސީ މުވައްޒަފު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ ގެއްލިގެން ހޯދަމުން ދިޔަ މީހާ ކަޔެކްގައި ގދ އަތޮޅުގެ ރިސޯޓަކަށް ގޮއްސައިވާކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ އިއްޔެ 15:54 ހާއިރުކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެއާއެކު ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް އިއްޔެ 16:50 ހާއިރު ފަށާފައެވެ.
އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް ރިސޯޓުން ވަނީ ކުރިން ވެސް ލަފާކޮށްފައެވެ. އެ މީހާއަކީ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ މީހެކެވެ.