-Advertisement-

-Advertisement-

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަށް އެދުމާ ގުޅިގެން ބައިޑަން ކޯފާވެއްޖެ

ޖޯ ބައިޑަން އިލެކްޓްރިކް ސިޓީ ޓްރޯލީ މިއުޒިއަމް ގައި ވާހަކަ ދައްކަވަނީ (2021) – ފޮޓޯ: އޭޕީ

ގާޒާގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލުއާންމާ ގުޅިގެން ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އެދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އައިސީސީން ހުށަހެޅުމުން އެމެރިކާގެ ރައީސް ބައިޑަން ކޯފާ އިސްކުރައްވައިފިއެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ހަމާސްއާއި އިޒްރޭލު އަޅާ ކިޔޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އަދި ކޮންމެ ފަދަ އަމުރަކަށް އެދުނު ނަމަވެސް އެމެރިކާއިން އިޒްރޭލުގެ ދިފާއުގައި އޮންނާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ.

ހަމާސްގެ އެންމެ އިސް 3 ލީޑަރުން ހިމެނޭހެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ލޯޔަރުން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރުގެ އިތުރުން ދިފާއީ ވަޒީރު ހިމެނެއެވެ. އެ ކަމާ ގުޅިގެން ހަމާސްގެ ލީޑާޝިޕުން ހާމަކުރި ގޮތުގައި ގާތިލުންނާއި އެ މީހުންގެ ޝިކާރައަކަށް ވެފައިވާ މީހުން ލޯޔަރުންނަށް ވަނީ އޮޅިފައެވެ. ހަމައެހެންމެ ހައްޔަރު ކުރަންވީ އިޒްރޭލުގެ ލީޑާޝިޕާއި އަސްކަރީ ފައުޖުތައްކަމަށް ވެސް ހަމާސްގެ ލީޑާޝިޕުން ބުނެފައި ވެއެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ މެންބަރުކަން ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި އިޒްރޭލާއި ފަލަސްތީން އަދި އެމެރިކާ ނުހިމެނެއެވެ. ހަމައެހެންމެ އެ ފަރާތްތަކަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ބަލައިގެންފައިވާ ފަރާތްތަކެއް ވެސް ނޫނެވެ. އެ ކޯޓުގެ ޗާޓަރު ބުނާ ގޮތުން ހައްޔަރު ކުރުމުގެ އަމުރެއް މީހެއްގެ މައްޗަށް ނެރެފި ނަމަ، މެންބަރުންގެ ގޮތުގައި ހިމެނޭ ޤައުމުތަކަށް އެ މީހަކު ހައްޔަރު ކުރަން ލާޒިމު ވާނެއެވެ. އެގޮތުން އެއިން މީހަކު މެންބަރު ޤައުމަކަށް ގޮސްފިނަމަ ހައްޔަރު ކުރަން ޖެހޭނެއެވެ.

މީގެ ކުރިން އެ ކޯޓުން ވަނީ ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިން ހައްޔަރު ކުރަން ވެސް އަމުރެއް ނެރެފައެވެ. ދެކުނު އެފްރިކާއަކީ އެ ކޯޓުގެ މެންބަރެއް ކަމަށް ވެފައި، ޕުޓިން ދެކުނު އެފްރިކާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޕުޓިން ހައްޔަރު ކުރަން ޖެހޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ސިޔާސީ ވެރިން ގޮވާލަމުން ގެންދިޔައެވެ.

އައިސީސީ ނުވަތަ ބައިނަލްއަގުވާމީ ކޯޓުން އަމުރެއް ހޯދަން ލޯޔަރުން ހުށަހެޅުމާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ އެ އަމަލަކީ ލަދުވެތި އަމަލެއް ކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ އަމަލުގެ ސަބަބުން އިޒްރޭލާއި ހަމާސްއާ ދެމެދު ސުލްހަ ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާތަކަށް ހިޔަނި އެޅިފައިވާކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-