ދުވަސްވީ ފިރިހެނުން ހައްލައިގެން ހިޔާ ފްލެޓަށް ގެންގޮސް އެ މީހުންގެ އަތުން ފައިސާ ފޭރޭ މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވި ގޮތުގައި މަގުމަތިން މީހުން ފެނުމުން އެކި ވާހަކަ ދައްކައިގެން ހައްލާލައިގެން އެޕާޓްމެންޓަށް ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ހިސާބުން ފެށިގެން، މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާއާ ބެހޭ މައުލޫމާތު ރަނގަޅަށް އެނގޭ ފަރާތަކުން ހިއްސާ ކުރި ގޮތުގައި އެތައް ބަޔަކަށް މިހާރު ވަނީ މި ކަން ދިމާވެފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކުން ހިއްސާ ކުރި ގޮތުގައި މި ކަން ކުރަނީ ޒުވާން އަންހެނެކެވެ. ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި އުޅޭ ދުވަސްވީ ފިރިހެނުންނާ ވާހަކަ ދައްކައި، އެ މީހުނަށް އޭނާގެ އެޕާޓްމެންޓަށް ދައުވަތުދޭ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅިގެން ލިބިފައި ހުރި އިތުރު މައުލޫމާތުން އެނގޭ ގޮތުގައި އެ އެޕާތްމެންޓްގައި އިތުރު ފިރިހެނުންތަކެއް ތިބެއެވެ. އަދި އެ އެޕާޓްމެންޓަށް ވައްދާ ބައެއް މީހުން ބަރަހަނާކޮށް ފޮޓޯ ނަގާކަމަށް މީހުން ބުނެއެވެ. އަދި އެ މީހުންގެ އެކައުންޓްގައި ހުރި ފައިސާ ފޭރޭކަމަށް ވެއެވެ.
ކާކުކަން ނޭނގޭ މީހުންގެ މި ފަދަ ދައުވަތުތަކަށް އިޖާބަ ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.