އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަދި ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހިޔާން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޙާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރޭގެ ވަގުތެއްގައި އިރާނަށް ފުރާވަޑައިގެންފިއެވެ.
އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހީމް ރައިސީއާއި ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހިޔާން ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ދަތުރުފުޅުގައި ތަބްރޭޒީ މިސްކިތުގެ އިމާމު އާޔަތުﷲ އަލްހާޝެމީއާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ގައުމުގެ މީޑިއާތަކުމް ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސްވެ، ބޯ ދުންފިނީގެ ސަބަބުން ޖައްވު ނުސާފުވެ ދަތުރު ނުކުރެވޭ މިންވަރު ވުމުން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާނަށް ބޯޓު ޖެއްސުމަށް ތިރިކުރަން އުޅުމުގެ ތެރޭގައެވެ.
މެހެރް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި ބޯޓު އޮތް ސަރަހައްދަށް ރެސްކިއު ޓީމަށް ދެވުނު އިރު ހެލިކޮޕްޓަރުން ދަތުރުކުރެއްވި ހުރިހާ ބޭފުޅުން ވަނީ އަވަހާރަވެފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވާފައެވެ. އެގޮތުން އިރާނުގެ ރައީސް ރައީސީ އާއި މިނިސްޓަރު އަބްދުﷲ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި އެ ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މެއި 21 އިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް މިހާރު ވަނީ ނިންމަވާފައެވެ.