ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން، ފްލައިޓްގެ ގަޑިތަކަށް ބަދަލު އަތުވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެގޮތުން އެ ކުންފުނިން ބުނެފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްތަކުގެ ގަޑިތަކަށް އަތުވެދާނެ ބަދަލުތަކަށް ފަސިންޖަރުން ސަމާލުވެގެން ތިބުމަށެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓް އޮފީހުން އޮރެންޖް ސަމާލު ނެރެފައިވާ މި ދަނޑިވަޅުގައި ފްލައިޓް ޑިލޭވުން ނުވަތަ ކެންސަލްވުން ފަދަ ކަމެއް ދިމާވެދާނެ ކަމަށާއި އެއާޕޯޓަށް ފުރަން ދިއުމުގެ ކުރިން ފްލައިޓްގެ ގަޑިތަކަށް ބަދަލު އައިސްފައިވޭތޯ ބެލުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ، މިއަދު ވެސް ބ. އަތޮޅުން ފަށައިގެން ވ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ އޮރެންޖު އެލާޓު ނެރެފައެވެ. ވިއްސާރަވެ ވައިގަވާނެ ކަމަށް ލަފާކޮށް އެ އެލާޓު ނެރެފައި ވަނީ 9:00އިން ފެށިގެން މިއަދު 12:00އި ހަމައަށެވެ.