ރާއްޖެއަށް މިއައި އަނބު މޫސުމާއިއެކު ހުރިހާ ގެއެއްގައިވެސް އަނބު ވަނީ ތިޔާގިވެފައެވެ. މިގޮތަށް އަނބު ލިބޭ ދުވަސްތަކުގައި އަނބުގެ ތަފާތު އެކި ރެސިޕީތައް އަހަރެމެން މިދުވަސްވަރު ތައްޔާރުކުރަމެވެ. ދިވެހިންގެ ތެރޭގައި އަނބު ކެއުމަށް އަދިވެސް އެންމެ މަޝްހޫރުވެގެން ދަނީ ހުތް އަނބު މިރުހާއި ލޮނާއި އެއްކޮށް ނުވަތަ ކުޅި ރިހާކުރާއި އެއްކޮށް ތައްޔާރުކުރެވޭ އަނބުގެ ބާވަތްތަކެވެ.
އެހެންކަމުން މިލިޔުމުގައި މިހުށަހަޅާލަނީ އަނބުން ތައްޔާރުކޮށްލެވޭނެ ތަފާތު ވައްތަރުގެ ކެއުމުގެ ބާވަތްތަކެވެ.
1. ސަލްސާ
އަނބުން ސަލްސާ އުފެއްދުމަކީ ދިވެހިންނަށް ކުޑަކޮށް ބީރައްޓެހި ޙިޔާލަކަށް ވީނަމަވެސް މިއީ ވަރަސް ގިނަ ޤައުމުތަކުގައި ސީފުޑް އާއިއެކު އަދި ކަނޑު މަހާއި ކުކުޅުމަހާއި އެކުގައިވެސް ކެއުމަށް މަޝްހޫރު ޑިޕްއެކެވެ. މި ޑިޕް ތައްޔާރުކުރަނީ އަނބާއި ފިޔާ އަދި ހަލަޕީނިއޯ ނުވަތަ އެމީހަނކަށް ކަމުދާ އެހެން މިރުހަކާއި އެކު ކުޑަ ލުނބޯ ހުތްކޮޅެއް ޖަހައިގެން ގިރާލައިގެންނެވެ. މިޑިޕް ތައްޔާރުކުރުމަށް އަނބާއިއެކު އެވަކާޑޯވެސް ބޭނުން ކުރެވިދާނެއެވެ.
2. ޕޭންކޭކްސް
އަނބަކީ ޤުދުރަތީ ގޮތުން ފޮނި އަދި ގިރާލުމުން އޮމާންކޮށް ހުންނަ މޭވާ އަކަށް ވުމާއިއެކު މިއީ ޕޭންކޭކް ތައްޔާރުކުރުމަށް މަޝްހޫރު މޭވާއެކެވެ. ޕޭންކޭކް ތައްޔާރުކުރުމަށް ފުށްގަނޑުގެ ތެރެއަށް އަނބު އެއްކޮށްލުމަށްފަހު ފުށްގަނޑު ފޮނިކުރުމަށް އިތުރު ހަކުރުގެ ބާވަތެއް އަޅާކަށް ނުޖެހެއެވެ. އަނބުން ޕޭންކޭކް ތައްޔާރުކުރުމަށް ފިހާއިރު ބަޓަރ ބޭނުންކުރުމުން މީގެ ރަހަ އިތުރަށް ރަނގަޅުވެގެންދެއެވެ.
3. ލޮލީ
ތާޒާ މޭވާއިން ލޮލީ އުފެއްދުމަކީ މޭވާގެ ފައިދާ ލިބިގަތުމަށް އެންމެ ރަނގަޅު އެއް ގޮތެވެ. އަދި މިއީ އަނބު ހަލާކުވެދާނެ ކަމުގެ ބިރަކާއި ނުލައި ފަސޭހަކަމާއިއެކު ގިނަ ދުވަހަށް ބެހެއްޓުމަށްވެސް ރަނގަޅު ގޮތެކެވެ. ލޮލީ ތައްޔާރުކުރުމަށް އަނބާއިއެކު ހެވީ ކްރީމް ބޭނުންކުރެވިދާނެއެވެ.
4. ސައި
އާންމުކޮށް އަހަރެމެން އަނބޫ ބޭނުންކުރަނީ ފިނި ބުއިންތައް ތައްޔާރުކުރުމަށް ވީނަމަވެސް އަނބަކީ އޭގެން ސައިވެސް ތައްޔާރުކޮށްލެވޭ މޭވާއެކެވެ. އަނބުން ސައި ތައްޔާރުކުރުމަށް އަނބު ފޮތިކޮށްފައި މަޑުގިނީގައި ފެނުގައި ކައްކާނީއެވެ. ސައިގެ ރަހަ ރަނގަޅު ކުރުމަށްޓަކައި ކާފުރުތޮޅި އާއި ފޮނިތޮށި ބޭނުންކުރެވިދާނެއެވެ.
އަނބަކީ އޭގެ މީރު ރަހަ އާއި ޓެކްސްޗަރގެ ސަބަބުން ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައިވެސް މަޤްބޫލު މޭވާއެކެވެ. ތަފާތު އެކި ގޮތްގަތަށް ބޭނުންކޮށްލެވޭ މި މޭވާއަކީ ހަށިގަނޑަށް ފައިދާހުރި މޭވާއެކެވެ.