ފެނަކީ މައިގަނޑު ގޮތެއްގައި ހަށިގަނޑު ދުޅަހެޔޮކަންމަތީގައި ބެހެއްޓުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ބައެއް މީހުން ބުނާގޮތުގައި ފިނިފެން ބުއިމާއި އަޅާބަލާއިރު، ތާފެނާ ފެން ބުއިމަކީ އޭގެ ސަބަބުން އިތުރު ފައިދާތަކެއް ލިއްބައިދާ ހަށިގަނޑުގެ އެކި ސިސްޓަމްތަކުގެ މަސައްކަތަށް، އޭގެ ސަބަބުން ފަސޭހަވެގެންދާ ކަމެކެވެ.
މިލިޔުމުގައި މިބަލާލަނީ ތާފެނާ ފެން ބުއިމުން ހަށިގަނޑަށް ލިބިގެންދާ ފައިދާތަކުގެ މައްޗަށެވެ.
1. ސައިނަސްގެ އަލާމާތްތައް ލުއިކޮށްދިނުން
ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އިން 2008 ގައި ހެދިފައިވާ ދިރާސާއަކަށް ބަލާލާއިރު ހޫނު ބުއިމަކުން ސައިނަސްގެ އުނދަގޫތަކަށް އަދި މީގެ އިތުރުން ސައިނަސްގެ ބައެއް އަލާމާތްތައް މިސާލަކަށް ކެއްސުން، ނޭފަތް ބްލޮކްވުން، ބޮލުގައި ރިއްސުން ފަދަ ކަނަކަން ފަސޭހަކޮށްދިނުމަށް އެހީތެރިވެއެވެ. ވީމާ ސައިނަސްގެ އުނދަގޫ ކުރާ ފަރާތެއްނަމަ، ތާފެނާ ފެން ބުއިމަކީ ސައިނަސްގެ އަލާމާތްތަކުން ދުރުކޮށްދޭނެ ކަމެކެވެ.
2. ހަޖަމްކުރުމަށް އެހީތެރިވުން
ފެން ބުއިމަކީ ހަޖަމުކުރާ ނިޒާމު ހަރަކާތްތެރިކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ބަނޑާއި ގޮހޮރު ތެރެއިން ދަތުރުކުރާ ވަރަކަށް ހަޖަމުކުރުމުގެ ޤާބިލްކަން ރަނގަޅުވަމުންދެއެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އިން 2016ގައި ހެދިފައިވާ ދިރާސާއެއްގެ ނަތީޖާ އަށް ބަލާލާއިރު ތާފެނާ ފެނުން ހަޖަމްކުރުގެ މަސައްކަތަށް އެހީތެރިވެދޭކަމަށް އިޝާރާތްކުރާއިރު، ވަރަށް ގިނަމީހުން ތާފެނާ ފެން ބުއިމުން ހަޖަމްކުރުމަށް ފަސޭހަވާކަމަށް ޤަބޫލުކުރެއެވެ.
3. ބަނޑުހަރުވުމުގެ އުނދަގޫ ކުޑަކޮށްދިނުން
ޑީހައިޑްރޭޝަން އަކީ ބަނޑުހަރުވެ ފާޚާނާ އަށް ދިއުމަށް އުނދަގޫވާ މައިގަނޑު އެއް ސަބަބެވެ. އާންމުކޮށް ބަނޑު ހަރުވާ ފަރާތްތަކުން ތާފެނާ ފެން ބުއިމުން މިފަދަ އުނަދަގޫތަކަށް ލުއިކަން ލިބިގެންދާކަމަށް ބުނެއެވެ. އަދި ތާފެނާ ފެން ބުއިމުން ޤަވާއިދުން ފާޚާނާ ކުރުމަށް އެހީތެރިވެދޭ ކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
4. ލޭދައުރުވުން ރަނގަޅުކޮށްދިނުން
ހޫނު ފެނުން ފެންވެރުމަކީ ލޭދައުރުވާ ހޮޅިތަކާއި ލޭނާރުތައް އެކްސްޕޭންޑްވެ އޭގެ ސަބަބުން މުޅި ހަށިގަނޑަށް ފައިދާހުރި ގޮތެއްގައި ލޭދައުރުކޮރުމަށް އެހީތެރިވެދޭ ކަމެކެވެ. ހަމަ އެގޮތުން، ތާފެނާ ފެން ބުއިމުންވެސް ލޭ ދައިރުކުރުން ރަނގަޅުވެގެންދާކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި ނިދުމުގެ ކުރިން ތާފެނާ ފެން ބުއިމަކީ އޭގެ ސަބަބުން އަރާމުގައި ނިދާލުމަށް އެހިތެރިވެދޭ ކަމެއްކަމަށްވެސް ވަރަށް ގިނަ މީހުން ބުނެ އުޅެއެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ ހަށިގަނޑުގެ ހުރިހާ މަސައްކަތަށް ވެސް އަސަރުކުރާ ކަމެކެވެ. ތާފެނާ ފެން ބުއިމުން ލިބޭ ފައިދާތަކުގެ މައްޗަށް މިހާތަނަށް ވަކީ ދިރާސާއެއް ކުރެވިފައި ނުވުމާއިއެކު، މިކަންތައްތަކަކީ އެކި މީހުންގެ ތަޖުރިބާގެ މައްޗަށް ބިނާކުރެވިގެން ދެކެވޭ ވާހަކަތަކެވެ. އެކަމަކު ތާފެނާ ފެން ބުއިމުން މި ދެންނެވުނު ކަންތައްތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަމުގައި ފަސޭހަވެގެންދާކަމަށް ގިނަ މީހުން އެއްބަސްވެއެވެ.