މިނިސްޓްރީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒް މިއަދު ސަސްޕެންޑް ކޮށްފިއެވެ.
ޝިފާޒް ސަސްޕެންޑް ކުރިކަން ކަށަވަރުކޮށްދެއްވައި އެ މިނިސްޓްރީން ބުނެފައިވަނީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބޭ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅައިފައި އޮންނަ ކަމަށާއި އެ އުސޫލުތަކާއި ޚިލާފުވުމުގެ ސަބަބުން ޝިފާޒް ހުންނެވި މަގާމުން މިއަދު ސަސްޕެންޑް ކުރެވިފައި ވާކަމަށެވެ.
ޝިފާޒް ސަސްޕެންޑްކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް، އަދި ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ހިނގާގޮތަށްކަމެއް ނުވަތަ ނޫން ކަމެއް އެ މިނިސްޓްރީން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑުކުރީއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައިގައި މީގެ ކުރިން ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ވެސް ސަސްޕެންޑުކޮށްފައެވެ. އެއީ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.
އެ ތިން ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިބީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކޮށްފައި ގޭގައެވެ.
ސަރުކާރުގެ އިސް މަގާމުތަކަށް މިއަދު ބަދަލުތަކެއް ގެންނަމުން ދާއިރު މިއަދު ވަނީ އެމްއެމްޕީއާރްސީގެ އެމްޑީ ކުޑީވެސް އެ މަގާމުން ވަކިކޮށްފައެވެ.