ޤާނޫނީ ގޮތުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް މިނިވަންކަން ހޯދައިދިނުމުގެ ވިސްނުމެއް ސަރުކާރުން އަދި ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތޯރިގު މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އީޕީއޭ މިނިވަންކުރުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތޯރިގު ވިދާޅުވީ، ޤާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ސަރުކާރުން މިވަގުތު ނުގެންގުޅުއްވާކަމަށެވެ.
“އަދިއެއް ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް،” މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިހާރު ވެސް މި ދަނީ އީޕީއޭގެ މުހިންމު މަސައްކަތްތަކަށް އެ ތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އަދި އެ ތަނަށް ބޭނުންވާ އިކުއިޕްމަންޓާ އެއްޗެހި ހޯދައިދީ ވީހާ ވެސް އިންޑިޕެންޑެންޓްކޮށް މަސައްކަތްކުރެވޭނެ ގޮތް ހަދައިދެމުން” މިނިސްޓަރު އިތުރަށް ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މޭ މަހުގެ 15 ވަނަ ދުވަހު ވަނީ އީޕީއޭ މާލީ ގޮތުން ފުދުންތެރިކޮށް، ޤާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ގޮވާލައްވާފައެވެ. ސައިންސުގެ އަލީގައި ކުރާ ދިރާސާތައް ރާއްޖޭގައި މާ ބޮޑަށް ކުރެވިފައި ނެތްކަން ހުސްނުއްސުއޫދު ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ދިރުން ދިނުމަށްޓަކައި ‘ޤައުމީ ސްޓްރެޓީޖިކަލް އެންވަރަމެންޓަލް އެސެސްމެންޓެއް’ ހެދުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ހުސްނުއްސުއޫދު ފާހަގަކުރެއްވިއެވެ.
ސްޓްރެޓީޖިކަލް އެންވަރަމެންޓަލް އެސެސްމެންޓެއް ހެދުމާ ގުޅިގެން މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ފަދަ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް އީޕީއޭއިން މިހާރު ވެސް ކުރިއަށްގެންދާކަމަށެވެ. އެ އެސެސްމެންޓުގެ މަސައްކަތް ކުރިއަށް ދަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.