ސަރުކާރުގެ އިސް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބަދަލު ގެންނަވަމުން ގެންދަވަނީ، ސަރުކާރު ހިންގުން ހަރުދަނާ ކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ނިއުސްކޮންފަރެންސަކީ މިދުވަސްވަރު ބައެއް ސިޔާސީ މަގާމުތަކުން މީހުން ވަކިކުރެއްވުމާއި ބައެއް ސިޔާސީ މަގާމުތައް ބަދަލު ކުރެއްވުމުގެ ކަންތައް ކުރިއަށް ދާތީ ނޫސްވެރިންގެ މެދުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ބޭއްވުނު ނިއުސްކޮންފަރެންސެކެވެ.
ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުން ސަސްޕެންޑް ކުރެއްވުމާއި މަޤާމުން ވަކިކުރެއްވުން ފަދަ ކަންކަން ގިނަ ވެފައިވާ މި ދުވަސްވަރު މި ކަންކަން ހިނގަމުން މި ދަނީ އެ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭތީތޯ ނޫސްވެރިއަކު ވަނީ ސުވާލު އުފައްދާފައެވެ.
އެސުވާލުތަކުގެ ރައްދުގައި ހީނާ ވިދާޅުވީ، ސަރުކާރު ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅުވާ ގޮތަށް ކަންކަން ބައްޓަން ކުރެއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށެވެ. އޭގެ ތެރޭގައި ކުންފުނިތަކަށް މީހުން އައްޔަންކުރުމާއި ބަދަލު ކުރުމާއި ދައުލަތުގެ ވުޒާރާތަކަށް މީހުން އައްޔަން ކުރުމާއި ބަދަލު ކުރުން ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.
އެންމެ ފަހުން ސަރުކާރުގެ މަތީ މަގާމުތަކަށް ގެނެވުނު އިސްލާހުތަކަށް ބަލާލާ އިރު އެޗްޑީސީގެ ޗެއާމަން ކަމުގެ މަގާމުން އަޙްމަދު ޒުހޫރު ވަކިކުރުމާއި މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން އަޙްމަދު ސަމާހު ވަކިކުރުން އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގު ވަކިކުރުން ހިމެނެއެވެ.