ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން އެ އިދާރާއިން މިއަދު ހެނދުނު 11:00އި ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، މި ވަގުތު ތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ނެރުނު ހުދު ސަމާލުގައި ބުނެފައިވެއެވެ.
ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ބައެއް ހިސާބުތަކަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލާއި އިންޒާރުވެސް ނެރެފައި ވެއެވެ.