96,000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ 96000އަށް ވުރެ ގިނަ ދަރިވަރުންނާއެކުކަމަށެވެ. އޭގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ 217 ސްކޫލެއްގައި ތަޢުލީމު ހާސިލުކުރާ 83,000 އެއްހާ ދަރިވަރުން ހިމެނެއެވެ. އަދި އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިއަދު ފެށުނު ދިރާސީ އައި އަހަރު މާލެ ސަރަހައްދަށް ގްރޭޑް 1 އަށް 2,250 ދަރިވަރުން އަލަށް ގުޅުނުކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި ގްރޭޑު 1 ފިޔަވާ އެހެން ގްރޭޑު ތަކަށް ވަނުމަށް 2081 ދަރިވަރުންގެ ފޯމު ލިބިފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. އަދި މި ދިރާސީ އަހަރު އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ބަދަލުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އަމިއްލަ ގޮތުން ހިންގާ ސްކޫލްތަކުގައި އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 12އާ ހަމައަށް 13,000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން 9,000 އަށް ވުރެ ގިނަ ދަރިވަރުނަކީ މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންނަށް ފާހަގަކޮށްލެވެއެވެ.
ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުންނެވެ. އެހެންކަމުން މި އަހަރު ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރައްވާނެއެވެ. މީގެ ތެރޭގައި 10,729 ދިވެހި މުދައްރިސުން ހިމެނެއެވެ. އަދި ބިދޭސީ 1,933 މުދައްރިސުން މި ވަގުތު މަސައްކަތް ކުރަމުން އެބަ ދެއެވެ.