“ރެމާލް”ގެ ނަމުން ނަން ދީފައިވާ ތޫފާން ބަންގްލަދޭޝަށް އަރައި ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ މޫސުމާ ބެހޭ މާހިރު ޝަމީމް އަހުސަން ވިދާޅުވީ، ރޭ 8:00 ހާއިރުން ފެށިގެން އެގައުމުގެ ދެކުނު ޑިސްޓްރިކްޓް ކެޕުޕާރާގެ އައްސޭރިފަށުން ތޫފާން ހުރަސްކުރަން ފަށައިފިއެވެ.
އެގޮތުން ޠޫފާން “ރެމާލް” އެ ގައުމުގެ ކަނޑުގެ އައްސޭރިފަށަށް އަރަމުން ދިޔައީ ގަޑިއަކު 120 ކިލޯމީޓަރު ނުވަތަ ގަޑިއަކު 75 މޭލު ބާރުމިނުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގައި މިހާރު ވަނީ ނުރައްކާތެރިކަމުގެ ލެވެލް އެގެ އެންމެ މަތީ ދަރަޖައަށް، ސިގްނަލް 10ށް އުފުލައިފިއެވެ.
ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ރިލީފްގެ ސެކްރެޓަރީ ކަމްރުލް ހަސަން ވިދާޅުވީ ރައްކާތެރި ނޫން ގެތަކުން މީހުން ބަދަލުވާން އަންގާފައިވާ ކަމަށެވެ. އެގޮތުން، އައްސޭރިފަށުގެ ގެދޮރު ދޫކޮށް މިހާތަނަށް 800،000 މީހުން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައެވެ.
ބަންގްލަދޭޝްގައި ފާއިތުވި 10 އަހަރު ތެރޭގައި ތޫފާންތަކުގައި ލައްކައެއްހާ މީހުން ވަނީ މަރުވެފައެވެ.
ތޫފާން “ރެމާލް” ދެން ދަތުރުކުރާނީ އިންޑިއާއާ ދިމާއަށް ކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.