ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލުކުރައްވައިފިއެވެ.
ދެ ޤައުމުގެ ރައީސުން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ސިޑްސްގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންނާއި ސިޑްސްގެ ގައުމުތައް ގުޅިގެން އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމުގައި ރައީސް އޮފީހުން ބުނެއެވެ.
ހަމައެޔާއެކު ދެ ގައުމުގެ މަސްލަހަތު އޮތް މުހިންމު އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލެއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމުގައިވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބައްދަލުކުރެއްވުމުގެ މަޝްވަރާ ކުރެވުނު މުހިއްމު ކަންކަން
- ޒުވާނުންނާ ގުޅޭ އެކިއެކި ކަންކަން
- ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުން
- މުރަކަ ފަރުތައް ހިމާޔަތްކުރުމު
- ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކައުތެރިވުން
އެގޮތުން ހުރިހާ ރޮނަގކުންވެސް ރާއްޖެއަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ދެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ސިޑްސް4ގެ މި އަހަރުގެ ޝިއާރަކީ “ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ” އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ގައުމުތަކަށް، ފާގަތިކަމާއި ވިލުންތެރިކަން ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވެއެވެ.