ރާއްޖެ ގަޑިން ރޭ 8:36 ގައި ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދަށް އަދި ކުޅުދުއްފުއްޓާއި 234 ކިލޯމީޓަރު ކައިރިއަށް ބިން ހެލުމެއް އައިސްފިއެވެ.
ބާރު މިނުގައި 4.5 މެގްނެޓިއުޑް ހުރި މިބިންހެލުން 10 ކިލޯމީޓަރު އަޑިން އަރަބިއަން ސީއަށް އައިސްފައިވާއިރު، އެސަރަހައްދުގެ ބައެއް މީހުންނަށް ބިންހެލުމުގެ އިޙްސާސް ކުރެވުނުކަމަށް ވޮލްކެނޯ ޑިސްކަވަރީއަށް ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
މިކަމާއި ބެހޭ ނިއުޒްލެބް އިން މޫސުމާއި ބެހޭ ގައުމީ އިދާރާ އާއި ސުވާލުކުރުމުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އައިސްފައިވާ ކަމަށާއި ހދ. ހަނިމާދޫގެ ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރުންވެސް ރިކޯޑްވެފައިވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލިޅުމެއް އައި ކަމުގެ ރިޕޯޓްތައް ލިބުން ކަމަށާއި އެގޮތުން ބެލިބެލުމުގައި ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖެ ގަޑިން 8:27 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރިކޯޑް ވެފައިވާ ކަމަށެވެ.
އެއިދާރާއިން ނެރެފައިވާ ބަޔާނުގައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނޭކަމަށް ލަފައެއް ނުކުރެވެއެވެ.