ލޯކަލް ކައުންސިލްތަކުގެ 6 މަޤާމެއް ހުސްވެފައިވާތީ، އެ ދާއިރާތަކުގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޤާމުތައް ހުސްވެފައި ވަނީ އެ މަޤާމުތަކުގައި ތިއްބެވި ކައުންސިލަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ. އެގޮތުން މި މަޤާމްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާކަމަށް އެމްޑީޕީން އިއްޔެ ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުން ޕްރައިމަރީއަށް ހުޅުވާލާފައިވާ ދާއިރާތައް:
- ހުޅުމާލެ ދާއިރާ
- ހެންވޭރު ހުޅަނގު ދާއިރާ
- މައްޗަންގޮޅި މެދު ދާއިރާ
ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝުޖާއު ވަނީ ބާރަށު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަޙްމަދު އައިފާން ވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލީސް މެންބަރުކަމަށް އިންތިހާބުވެ ވަޑައިގެންފައެވެ. އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު ޟަމީރު ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންފައެވެ.
އަތޮޅުތެރެއިން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވާ ދާއިރާތައް:
- ކުޅުދުއްފުށި އުތުރު ކައުންސިލް މެންބަރު
- ޅ. އަތޮޅު ކައުންސިލް ރައީސް
- ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
އެމްޑީޕީގެ ފަރާތުން އިންތިޚާބަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކުރުމަށްފަހު ފުރިހަމަކޮށްފައިވާ ޝައުޤުވެރިކަން ފާޅުކުރާ ފޯމާ އެކު 03 ޖޫން 2024 ގެ 14:00 ކުރިން ހުށައެޅުއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.