ރާއްޖެ ފަދަ ޤައުމުތަކުގެ ތަރައްޤީއާއި ކުރިއެރުމަށް ފައިނޭންސް ހޯދުމަށް މަގުފަހިކޮށްދެވޭނެ ތިން ހައްލެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.
ރައީސް މި ހުށަހެޅުއްވުން ހުށަހެޅުއްވީ އެންޓިގުއާ އެންޑް ބާބުޑާގައި ކުރިއަށްދާ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) މަހާސިންތާގެ ހަވާސާގައި ސިޑްސްގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން އިއްޔެ ބޭއްވި ހައި-ލެވެލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުރަތަމަ ކަމަކަށް ރައީސް ހުށަހެޅުއްވީ ބައިނަލްއަގުވާމީ ފައިނޭންސް ނިޒާމު އެތުރިފައިވާ ގޮތް ބަދަލުކުރުމަށެވެ. ދެވަނަ ކަމަކަށް ރައީސް ފާހަގަ ކުރެއްވީ ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުން މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ)ތަކާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން ސިޑްސްއަށް ފައިނޭންސް ލިބޭ މިންވަރު އިތުރުކުރުމެވެ. އަދި ތިންވަނަ ކަމަކަށް ރައީސް ހުށަހެޅުއްވީ ކުދި ޖަޒީރާ ޤައުމުތަކުން މިހާރަށް ވުރެ ވިސްނުން ފުޅާކުރުމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ ބާޒާރުން ފައިނޭންސް ހޯދައިގެން، ލުއި ގޮތެއްގައި ކުދި ޤައުމުތަކަށް ލޯނު ދެވޭނެ ގާބިލުކަން އެމްޑީބީތަކުގައި އެބަހުއްޓެވެ. އަދި އެ ގޮތަށް އަމަލުކޮށްގެން އެ ބޭންކުތަކުގެ ކްރެޑިޓް ރޭޓިންތަކަށް ވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެވަނަ ހުށަހެޅުއްވުމާ ގުޅިގެން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ސިޑްސްއަށް ބޭރުން ލިބޭ އެހީތެރިކަން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑުތަން ދަށްވެފައިވާކަމެވެ. ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމަކީ ބަލިކަށިކަމެއްގެ ގޮތުގައި ނުދެކި އެއީ ކުރިއަށް ދިއުމަށް ލިބިފައިވާ ބާރަކަށް ހަދަންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުދި ގައުމުތަކަކީ އެހީ ލިބިގަންނަން ތިބި ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި ދެމެހެއްޓެނެވި ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ބޮޑެތި ޤައުމުތަކުން ދެކެން ޖެހެއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި އަލިވާލި އެހެން ނުކުތާތަކަށް ބަލާލާ އިރު ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކަށް ވަނީ ރާއްޖެއެކޭ އެއްފަދައިން ލުއި ގޮތެއްގައި ފައިނޭންސް ހޯދުމަށް ދަތިތަކާ ކުރުމަތިލާން ޖެހިފައެވެ. މީގެ ސަބަބުން ދެމެހެއްޓެނެވި ގޮތެއްގައި ދަރަނި މެނޭޖްކުރަން މި ޤައުމުތަކަށް ވަނީ ދަތިވެފައެވެ. ހަމައެހެންމެ މި ކަމުގެ ސަބަބުން ތަރައްޤީއަށް ހުރަސްއެޅިފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ކުރިމަތިވެފައިވާ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޑްސްގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކޮށްފި ނަމަ ރާއްޖެ ފަދަ ޤައުމުތަކަށް ބައިނަލްއަގްވާމީ މައިދާނުގައި އިސް ދައުރެއް އަދާ ކުރަން ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ހާސިލުކުރަން ބޭނުންވާ އަމާޒުތަކާއި ލަނޑުދަނޑިތަކަށް ވާސިލްވާން ވަރަށް ފަސޭހަވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ސިޑްސްގެ ޤައުމުތަކުން އިދާރީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީވުން އިތުރުކޮށްފިނަމަ އިންވެސްޓްމަންޓްތައް އިތުރުކުރެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ސިޑްސްގެ ޤައުމުތަކަކީ ކުދި ޖަޒީރާ ޤައުމުތަކަކަށްވީ ނަމަވެސް ގުޅިގެން ކުރާ މަސައްކަތުން ބާރުވެރި ޤައުމުތަކަކަށް ވެއްޖެ ނަމަ ސިޑްސްގެ ޤައުމުތަކުގެ ގޮވާލުންތަކުގައި ބާރުވެރިކަން ހުންނާނެކަމަށެވެ.
ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށްވީ ނަމަވެސް އދގެ ސަލާމަތީ މަޖިލީހާއި، އދގެ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލް ފަދަ އދގެ ބާރުގަދަ ގުނަންތަކުން ޖާގަ ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.