ފަލަސްތީނާއި ދެކޮޅަށް މިހާރު ހިނގަމުން މިދާ ލާއިންސާނީ އަނިޔާތަކުން އެރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހިރާއްޖެއިން މަސައްކަތް ކުރާ ވަރަށް ބައިނަލްއަޤްވާމީ އެހެން އެއްވެސް ގައުމަކުން ކުރާކަމަކަށް ނުބެލެވޭކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ،
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރާ ވަރަށް އިތުރު އެއްވެސް ގައުމަކުން މަސައްކަތް ކުރާ ކަމަށް “ހީނުވާ” ކަމަށެވެ.
“ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާ އަޅާ ބަލާއިރު، އަޅުގަނޑުމެންނަށް ހިޔެއް ނުވޭ އަޅުގަނޑުމެން ކުރަމުންދާ ވަރަށް އެއްވެސް ގައުމަކުން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރެވެމުން ދާ ހެނެއް،” ހީނާ ވިދާޅުވިއެވެ.
އޭނާ މިފަދައިން ބުނެފައިވަނީ ރާއްޖެއިން އިޒްރޭލު ޕާސްޕޯޓު ބޭން ނުކުރަނީ ކީއްވެތޯ މިފަދައިން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ހީނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ޙައްޤުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އެޅުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި މިކަން އެއްވެސް ހާލެއްގައި ބަދަލު ނުވާނެ ކަމަށެވެ.
މިސަރުކާރުން އަދި ވަކީން ޚާއްސަކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ އެކި ކޮންފްރެންސްތަކުގައި ވަކާލާތު ކޮށްފައެވެ. އެގޮތުން ބަލާއިރު، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ މަހާސިންތާގައި ބައިވެރިވެ ގަތުލު އާންމު ވަގުތުން ވަގުތަށް ހުއްޓާލުމަށް ސިޑްސްގެ ލީޑަރުން ގޮވާލަން ޖެހޭ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުންވެސް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިޒްރާއިލުން ވެސް ތަބާވާން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ފަލަސްތީނާ ދެކޮޅަށް ކުރެވޭ މި ލާއިންސާނީ އަނިޔާތަކަކީ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން ހިންގާ އަނިޔާތަކެކެވެ. މިގަތުލު އާންމު ގައި މިހާތަނަށް 37000 އަށް ވުރެއް ގިނަ މީހުން ވަނީ މަރުވެފައިއެވެ. އަދި މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ.