ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ދައްކާނެކަމަށް ޕީއެސްއެމުން ބުނެފިއެވެ.
ޕީއެސްއެމުން އިއްޔެ ބޭއްވި މީޑިއާ ބްރީފިންއެއްގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ މި މުބާރާތް ބްރޯޑްކާސްޓް ކުރުމުގެ ރައިޓްސް ޕީއެސްއެމުން މިހާރު ވަނީ ހޯދާފައިކަމަށެވެ. އަދި ޔޫރޯ ފުޓުބޯޅަ މުބާރާތް ދެއްކުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ދިވެހި ކުންފުންޏަކީ ޕީއެސްއެމްކަން ވެސް ޒީނާ ފާހަގަކުރެއްވިއެވެ.
ޔޫރޯ ދެއްކުމަށް ހަމަޖެހިފައި ވަނީ ޓީވީއެމުންނާއި ޔޭސްޓީވީންނެވެ. އަދި މި މެޗުތައް ގެނެސްދެވޭނީ އަލްޓްރާ އެޗްޑީކޮށް ބެލުންތެރިންގެ އަތުން އިތުރު އެއްޗެއް ޗާޖު ވެސް ނުކޮށެވެ.
އެންމެ ފަހުން ބޭއްވުނު ޔޫރޯ 2020 ޕީއެސްއެމުން ބްރޯޑްކާސްޓެއް ނުކުރެއެވެ. އެ އިރު ޕީއެސްއެމަށް އެ ހުއްދަ ނުލިބުނީ މި ސަރަހައްދަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ދައްކާ ސޮނީ ކުންފުންޏަށް ދައްކަން ޖެހިފައި ހުރި ދަރަނިތަކެއް ނުދައްކާ ހުރުމުންކަމަށް އިއްޔެގެ ބްރީފިންގައި ޒީނާ ފާހަގަކުރެއްވިއެވެ. މި އަހަރުގެ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދީ އެ ދަރަނި ދެއްކުމުގެ ޕްލޭނެއް ހެދުމަށް ފަހު ކަމަށް ޒީނާ ވިދާޅުވިއެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދުމަށް ސަރުކާރުގެ ފަރާތުން ޕީއެސްއެމަށް ލިބުނު އެއްބާރުލުމަށް ޒީނާ ވަނީ އިއްޔެގެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވައިފައެވެ.
މި އަހަރުގެ ޔޫރޯ ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖަރުމަނުގެ 10 ސިޓީއެއްގައި ޔޫރޯ ކުރިއަށް ދާނެއެވެ. ޖުމުލަ 24 ޤައުމު މި މުބާރާތުގައި ވާދަ ކުރާ އިރު، މި ޤައުމުތައް ހަ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 51 މެޗު މި މުބާރާތުގައި ކުޅޭނެއެވެ.