ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި މާރާމާރީ ހިނގި ބިދޭސީ މީހާ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
މިމަހު ހަތް ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ފުރަން ގޮސް އުޅުމުގެ ތެރޭގައި އެއާރޕޯޓްގެ ދެމުވައްޒަފަކަށް ހަމަލާދިން މައްސަލައިގައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލީ އޭނާ ފުރުން މަނާ ކުރުމަށްފަހުގައެވެ.
މިމައްސަލައިގައި ދައުލަތުން ހަޑަޑް ގެ މައްޗަށް ދައުވާކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެވެ. ދައުވާލިބޭފަރާތުން މިމައްސަލާގައި ވަނީ ދެކުށަށްވެސް އިއުތިރާފްވެ ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.
ދައުވާލިބޭ ފަރާތް ކަމުގައިވާ ހަޑާޑް އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން އޭނާ އެއްބަސްވެފައިވަނީ ގައިގައި އަތްލުމުގެ ދައުވާގައި އޭނާ 3،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އަދި އަނިޔާއެއް ދިނުމުގެ ދައުވާގައި 7،200 ރުފިޔާއިން އިން ޖޫރިމަނާ ކުރުމަށެވެ. މިއާއިއެކު އޭނާ ވަނީ ޖުމްލަ 10،800 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް އެއްބަސްވެފަ އެވެ.
ދައުވާލިބޭފަރާތުން ދައުލަތާއިއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައިވާ ކުށަށް އޭނާ ކޯޓުގައި އެއްބަސްވުމުން ކޯޓުން ވަނީ އެއްބަސްވުމާ އެއްގޮތަށް އޭނާ 10،800 ރުފިޔާއިން އޭނާ ޖޫރިމަނާކޮށްފައެވެ. އަދި ޙުކުމް ކުރި ތާރީޙުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ގާޟީ އިބްރާޙިމް ޒިޙުނީ ވަނީ މިއަދު ޙުކުމް ކުރައްވާފައެވެ.
ހަޑަޑް ވިސާމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖަލަލަށްލުމުގެ އަދަބުގެ އިތުރުން ޖޫރިމަނާ ކުރުމުގެ އަދަބުވެސް ލިބިގެންވާ ކުށެކެވެ.