ތިލަމާލެ ބްރިޖު ނިންމުމާ ގުޅިގެން ފާއިތުވި ހަ މަސް ދުވަހުގެތެރޭގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް، މާރާމާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މާރާމާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫޢެކެވެ. މުއްތަލިބް ވިދާޅުވީ، މިހާރު ކަނެކްޓިވިޓީ ބްރިޖުގެ 38.8 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތައް ޖެހުމުގެ 65 ޕަސެންޓު މަސައްކަތް ނިމިފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕައިލް ކެޕްގެ 48 ޕަސެންޓުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ. ހަމައެހެންމެ ޑެކްގެ 31 ޕަސެންޓު ނިމިފައިވާ ކަމަށާއި ވިލިމާލޭގެ ސެގްމެންޓުތައް ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިފައިވާކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި މި މަސައްކަތުގެ 20 ސެގްމެންޓެއްގެ މަސައްކަތް ހުޅުވާލާފައިވާކަން މުއްތަލިބް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތީ މާލެއާއި ގުޅީފަޅާ ގުޅުވާލާ ސެގްމެންޓު ‘އޭ’ ގެ މަސައްކަތްކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މި މަޝްރޫޢަށް 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެކަމަށް އެ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. ބްރިޖް ނިންމުމަށް މި އަހަރުގެ ބަޖެޓުގައި 827 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މި މަޝްރޫޢު ކުރިއަށްގެންދަނީ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދަން ވަނީ ނިންމާފައެވެ.