ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސްރީ ލަންކާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
އިއްޔެ އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މި ދަތުރުފުޅަކީ ލަންކާގެ ފޮރިން މިނިސްޓަރ އެމް.ޔޫ.އެމް ޢަލީ ޞަބްރީގެ ޙާއްޞަ ދަޢުވަތުފުޅަކަށް ޒަމީރު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޒަމީރު ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ. އަދި 4 ދުވަހު ލަންކާގައި މަޑުކުރެއްވުމަށް ފަހު ޒަމީރު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ޖޫން 6 ވާ ބުރާސްފަތި ދުވަހުއެވެ.
ޒަމީރުގެ މި ދަތުރުފުޅުގައި ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން ލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންގްހެއާއި ލަންކާގެ ބޮޑުވަޒީރު ޑިނޭޝް ގުނަވަރުދަނާ އަދި ލަންކާގެ ފޮރިން މިނިސްޓަރު އެމް.ޔޫ.އެމް ޢަލީ ޞަބްރީއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމާއި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެ މަޤާމަށް ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް މި ދަތުރުފުޅު ވާނެއެވެ.