-Advertisement-

-Advertisement-

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މާލެ ސަރަހައްދުގައި ފަސް ތަރީގެ ފާޚާނާ އެޅުމަށް މަސައްކަތް ކުރަނީ

މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާގައި މޭޔަރު އާޒިމް ވާހަކަ ދައްކަވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސް ތަރީގެ ފާޚާނާތަކެއް އެޅުމަށް އުންމީދު ކުރައްވާކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާމިޒް ވިދާޅުވީ ފާޚާނާތައް ސާފުކޮށް، ރީތިކޮށް ބެހެއްޓުމަކީ ޤައުމެއްގެ ކުރިއެރުމުގައި ވަރަށް މުހިންމު ކަމެއްކަމަށެވެ.

“އިރާދަކުރެއްވިއްޔާ މާލެ، ވިލިމާލެ ހުޅުމާލޭގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހުންނާނީ ފަސް ތަރީގެ ރީތި ފާޚާނާތައް. ފާޚާނާތައް ސާފުކޮށް ބެހެއްޓުމަކީ ޤައުމެއްގެ ހަޔާތުގައި ޤައުމެއް ކުރިއެރުވުމަށް ވަރަށް މުހިންމު އެއްޗެއް” އާޒިމް ވިދާޅުވިއެވެ.

“ގެއަކަށް ވަދެފައި، ފާޚާނާއަށް ވަދެފައި ބަލައިފިކަމަށް ވަންޏާ ރީތި ފާޚާނާއެއް ހުރެއްޖިއްޔާ ބަލާނެ ކަމެއް ނެތް އެއީ ސާފުތާހިރުކޮށް އުޅޭ ބައެއް. އެއީ މިންގަނޑެއް. އެހެންވީމާ ޚާއްޞަކޮށް އަޅުގަނޑުމެން މިސްކިތަށް އަރައި ފާޚާނާއަކަށް ވަދެލާފައި މިސްކިތަށް އަރައިގެން ދާއިރުގައި ފާޚާނާ ހަޑިކޮށް، ނަޖިސްކޮށް ހުރެ، އެ ނަޖިހާ އެއްކޮށް މިސްކިތަށް އެރިއްޖިއްޔާ ވަރަށް ދެރަކަމެއް އެ ކުރެވުނީ” މޭޔަރު ވިދާޅުވިއެވެ.

އޭގެއިތުރުން، މާލެ ސަރަހައްދުގައި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މަސައްކަތެއް ކުރުމަށް އުނދަގޫ ވުމަކީ އެ މަސައްކަތެއް ހުއްޓާލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެ ކަމެއް ކާމިޔާބު ކަމާއެކު ހާސިލްކުރުމަށް ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރަން ޖެހޭކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

“މިހާ ބޮޑު މަސައްކަތެއްގައި އުޅޭއިރު އަންނާނެ އުނދަގޫވާ ގަޑިގަޑި ވެސް. ދަތިވާ ގަޑި ވެސް. ހިތްހަމަނުޖެހޭ ގަޑި ވެސް. ކޮންމެ މީހަކީ ވެސް ތަފާތު މީހެއް. އެހެންވީމާ އެ ކަހަލަ ގަޑިތަކުގައި ވެސް އަޅުގަނޑު އެދެނީ ކެއްތެރިކަމާ އެއްކޮށް، އޯގާތެރިކަމާއި ލޯތްބާ އެއްކޮށް ވާހަކަ ދައްކައި ކަންތައްތައް ހައްލު ކުރަން މަސައްކަތް މަސައްކަތް ކުރުން،” އާޒިމް ވިދާޅުވިއެވެ.

“އުނދަގޫ ވާ ވަރަކަށް އަޅުގަނޑަށް އަންނަނީ ފޯރި. އަޅުގަނޑު ބޭނުންވަނީ އިތުރަށް މަސައްކަތް ކުރަން ގަދައަޅައި. އެއީ ކުރަންޖެހޭ ކަމެއް އަޅުގަނޑުމެންނަށް ކުރިމަތި ކޮށްފައި އޮތީމާ. އެހެންވީމާ ދަތިވުމާއި އުނދަގޫވުމާއި ވަރުބަލިވުމާއި ފޫހިވުމަކީ މަސައްކަތަކަށް ނުކުމެފައި ހުންނަ މީހަކަށް އެއްވެސް ކަހަލަ އޮޕްޝަނެއް ނޫން” އާޒިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މޭޔަރު ވަނީ ފަތިސް ނަމާދުކޮށްގެން ވަރުގަދަ އަޒުމަކާއެކު ގަދަޔަށް މަސައްކަތްކޮށް، އެ ކަމަކުން އަނެކާއަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެލައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-