ޔޫރަޕްގެ އެންމެ މޮޅު ކްލަބްތަކުގެ މެދުގައި ކުޅޭ ޔޫއީއެފްއޭ ޗެމްޕިއަންސް ލީގުގެ މި ސީޒަންގެ މުބާރާތުގެ ފައިނަލް ރިއަލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ޖާމަނީގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ސްޕެއިންގެ ޗެމްޕިއަން ރިއާލް މެޑްރިޑް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ރިއަލް މެޑްރިޑުން މި ވަނީ 15 ވަނަ ފަހަރަށް މި ތަށި ކާމިޔާބު ކުރިކަމުގެ ރިކޯޑު ހާސިލުކޮށްފައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ރިއަލްއަށް އެންމެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކުޅުންތެރިޔާ ޑެނީ ކާވަޖަލެވެ. އަދި ދެވަނަ ލަނޑު މެޗު ނިމެން ގާތްވެފައި ވަނިކޮށް 83 ވަނަ މިނެޓުގައި ޖަހާފައި ވަނީ ވިނިސިއަސް ޖޫނިއާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. ރިއަލް މެޑްރިޑުގެ ގޯލަށް އަމާޒުކޮށް އެ ޓީމުން އެތައް ބޯޅައެއް ފުރަތަމަ ހާފުގައި ފޮނުވާލިއެވެ. ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.
މި މެޗު ކުރިއަށް ދިޔައީ ރޭ 12 ޖެހި އިރު ލަންޑަނުގެ ވެންބްލީ ސްޓޭޑިއަމުގައެވެ.