-Advertisement-

-Advertisement-

މަރުވި މީހާގެ ގައިގައި ޖެހުނު ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި

ފޮޓޯ: މޯލްޑިންސް ޕޮލިސް ސާވިސް

މަރުވި ބިދޭސީ މީހާގެ ގައި މަތިން ދިޔަ ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ.

ފ. ފީއައްޔަށް ނިސްބަތްވާ “ޓްވިންސް” ނަމަކަށް ކިޔާ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް ފަޅުވެރިޔާ ސައްދާމް ހުސެއިން މަރުވީ އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅެނިކޮށެވެ. މި ހާދިސާ ހިނގުމާ އެކު ސައްދާމް ހުސެއިން ވަނީ ދަނގެތި ޞިއްޚީ މަރުކަޒަށް ގެންގޮސްފައެވެ. އެ މީހާ ދަނގެތީ ޞިއްޚީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ދަނގެތީ ޞިއްޚީ މަރުކަޒުން މައުލޫމާތުދެއެވެ.

މި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 7:55 ހާއިރެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ލޯންޗު ދުއްވި ކެޕްޓަން ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އދ. މާމިގިއްޔަށް ނިސްބަތްވާ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މަންޒަރު ދުށް ބައެއް މީހުން ވަނީ އެ ހާދިސާގެ ވާހަކަ މީޑިއާތަކާ ހިއްސާ ކޮށްފައެވެ. އެގޮތުން އެ މީހާ އޮތީ ދެބުރިވެފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ. އޭނާގެ މޭ ކަށިގަނޑުން ފެށިގެން ތިރި ދެބައިވެފައި އޮތްކަމަށް އެ ރަށުގެ ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު ވެސް ވަނީ މީޑިއާއަކަށް މައުލޫމާތު ދީފައެވެ. އޭނާގެ ބޯ ވެސް އެ ގޮތަށް ވަކިވާން ކައިރިވެފައި އޮތްކަން މުއާވިޔަތު ހިއްސާ ކުރިކަމަށް މައުލޫމާތު ލިބެއެވެ.

އެ ލޯންޗު ދަތުރު ކުރި ގަޑިއަކީ އިރު އަރައިގެން އައި ގަޑިއެވެ. އެހެންކަމުން އިރުގެ ދޯދިތަކުގެ ސަބަބުން ބަޔަކު އެ ސަރަހައްދުގެ މޫދުގައި ތިބިކަން ލޯންޗު ދުއްވަން އިން މީހާއަށް ފާހަގަ ނުވީ ކަމަށް ލޯންޗު ދުއްވަން އިން މީހާ ބުނި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދޯނީގެ މީހުން އެ ސަރަހައްދުގައި ފާނަ މަސްވެރިކަން ކުރަމުން ދިޔައީ ބާސްކެޓްގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަ ވެސް ނަގައިގެންނެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-