ހޮންޑިއުރަސްގައި ޑެންގޫ ޖެހިގެން ރިޕޯޓް ކުރާ އަދަދު މައްޗަށްގޮސް ގިނަ އަދަދެއްގެ ބަޔަކު އެނދުމަތިކުރަން ޖެހި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
އެ ގައުމުގައި ޑެންގޫ ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު އެނދުމަތި ކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ބަލީގައި މަރުވެސް ވެފައެވެ.
ވުމާއެކު ހުކުރު ދުވަހުން ފެށިގެން ހޮންޑިއުރަސްގެ ހެލްތު މިނިސްޓްރީން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.
ހޮންޑިއުރަސްގެ ސަރުކާރުން ވަނީ ޑެންގޫ ކޮންޓްރޯލް ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައި ބަލިމަޑުކަން ނައްތާލުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމަށް ނިންމައިފައެވެ.
ހޮންޑިއުރަސްގެ ހެލްތް މިނިސްޓްރީ އިން ނެރެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުގައި މިއަހަރުގެ ފުރަތަމަ 20 ހަފުތާ ތެރޭ 23،037 ޑެންގޫ ކޭސް ރިޕޯޓު ކޮށްފައިވެއެވެ.
ޑެންގޫ ކޭސްތައް ހޮންޑިއުރަސްގެ އިތުރުން އެމެރިކާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ވަނީ ކޭސްތައް ފެންނަން ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ.