އިއްޔެ އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަން ކުރަންވެގެން ފީނަން ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އޭނާ މަރުވި މައްސަލައިގައި އޭރު ލޯންޗް ދުއްވަން އިން ކެޕްޓަންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އދ. ދަނގެތި ކައިރިއަށް ފާނަށް ފައިބާ އޮތް ބިދޭސީ މީހާގެ ގައިގައި ލޯންޗެއް ޖެހުނު އިރު އެ ލޯންޗް ދުއްވަން އިނީ ދިވެހި ކެޕްޓަނެކެވެ.
ފުލުހުން މިއަދު ބުނީ ހައްޔަރުކުރި ކެޕްޓަންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމަށް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފ. ފީއަލީ އަށް ނިސްބަތްވާ ދޯންޏަކުން ފާނައިގެ މަސްވެރިކަމަށް ފައިބައިގެން އުޅެނިގެން އދ. މާމިގިލިން މާލެ ދަތުރުކުރި ލޯންޗެއް ފީނަން އޮތް ބިދޭސީއެއްގެ ގައިގައި ޖެހުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ ބިދޭސީ މިހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އދ. ދަނގެއްޗަށެވެ. އެ ރަށަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ ނިޔާވެފައެވެ.
މި ހާދިސާގެ މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާގޮތުގައި ހާދިސާގައި ކެޕްޓެންގެ އިހުމާލު އެބައޮތެވެ. އެގޮތުން ކެޕްޓަން ލޯންޗު ދުއްވާފައިވަނީ އެވަގުތު ފާނަ މަސްވެރިކަން ކުރާ މޫދުގައި ތިބި ދެމީހެއްގެ ދެމެދުން ކަމަށާއި ހާދިސާ ހިނގި އެކަމުގެ ސަބަބުން ކަމަށް ބައެއް މީހުން ބުނެއެވެ.