ހަޔާތުގެ ހިތް ހަމަޖެހުން އިރު އޮއްސޭ މަންޒަރު ބަލާލުމާއި ގުޅިފައިވާ އެތައް ބަޔެއް ގެ ތެރެއިން އެކަކީ، ނަވީން އެވެ. އޭނާ ކޮންމެ ދުވަހެއްގެ ވެސް އިރު އޮއްސޭ މަންޒަރު ބެލުމަށް ކޮންމެ ގޮތެއް ހަދާފައިވެސް ވަގުތު ހުސްކުރެވޭތޯ ބަލައެވެ. މާލޭގެ ހުޅަގުފަރާތުން އައި.ޖީ،އެމް.އެޗާއި ދިމާ ތޮށިގަނޑުމަތިން އެވަގުތަށް ނަވީން ފެންނާނެއެވެ. އޮއްސެމުންދާ އިރާއެކު އުދަރެހުގައި ފެވެމުންދާ ކުލަތަކަށް ނަޒަރު ހިންގާލައިގެން ނަވީން ހުރެއެވެ. މަޑު އޮރެންޖް ކުލައަކުން އުދަރެސް ފަވާލެވިފައިވާއިރު، އިރުގެ ރަން ދޯދިތައް ކަނޑަށް އެޅިފައި ހުނައިރު އެފެންނަ ހިތްގައިމު ކަމަކީ ނަވީންގެ ނުތަނަވަސް ހިތައް އެތައް ތަސައްލީއެއް ގެނުވާކަމެކެވެ. އޭނާ ކޮންމެ ދުވަހަކުހެން އިރު އޮއްސޭ ވަގުތައް އެމަންޒަރު ދެކިލުމަށް ދަނީ އެވަގުތު ކޮޅު ކިތަންމެ ކުޑަ ނަމަވެސް އެމަންޒަރުތަކުން ލިބޭ ހިތްހަމަ ޖެހުމުގެ ބޮޑު ކަމުންނެވެ. އިރު އޮއްސެމުން ދަނިކޮށް ނަވީންގެ ފޯނު ރިންގުވާން ފަށައިފިއެވެ.
“ކީކޭ…ޒަލަފް……ހޫނ….އެތާންގަ …އެނގޭނެއެއްނު މިގަޑީގަ ހުންނާނީ މިތާންގަކަން….ކިހިނެއް ވީއްޔޭ،” ނަވީންގެ ރަހުމަތްތެރިޔާ ޒަލަފް ގުޅީ އެންމެ މުހިއްމު މަގުތު ކޮޅުގައެވެ. އިރު އުދަރެހާއި ނިވައިވަމުންގޮސް ގެއްލުނެވެ.
“އެބަދަން ކޮފީއެއް ބޯލަން ތިދިމާއަށް މަޑުކުރައްޗޭ،” ނަވީން އާނއެކޭ ބުނުމަށްފަހު، ފޯނު ޖީބައްލިއެވެ. އަދި އުދަރެހަށް ނަޒަރު ހިންގާލިއެވެ. ރަތް ވިލާތަކުން އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. މޫނުމަތިން ހިނިތުން ވުމެއް ވެރިވިއެވެ. ހަޔާތުގެ އެކަނިވެރިކަމަށް ތަސައްލީއެއް ހޯދުމަށް ނަވީން ކުރާ އެއް ކަމަކީ އެއީއެވެ. އިރު އޮއްސޭ ވަގުތު އެމަންޒަރު ދެކިލުމެވެ. ދެން އޭނާގެ ބެސްޓް ފުރެންޑް ޒަލަފް އާއެކު ވަގުތު ހޭދަކުރުމެވެ. އިރުކޮޅެއް ވުމުން ތޮށިގަނޑު މަތިން ތެދުވެ ދެކޮޅު ހޯދައި ބަލާލިއެވެ. ޒަލަފް އާދޭތޯއެވެ. އޭރު ޒަލަފް ވެސް ސައިކަލް ޕާކް ކުރަނީއެވެ.
“ކޮބާ؟ ހިނގާ ވަންނަމާ،” ނަވީނަށް ގޮވާލަމުން ޒަލަފް ހިނގައިގަތީ އައި.ޖީ.އެމް.އެޗް ކެންޓީނަށް ވަންނާށެވެ. ޒަލަފްގެ ފަހަތުން ނަވީން ވެސް ހިގައިގަތެވެ.
“ކޮންމެ ދުވަހަކު ހެން ތިޔޭ ދޯ ކަމަކީ…ތިކަން ހުއްޓަން ވެއްޖެއެއްނު…މިހާރު ކޮންދުވަހެއް ތިހެން ހުޅޭތާ..ބިޓެއް ނަގާބަ ތިހެން ނުހުރެ…އޭރުންނޭ ރަގަޅުވާނީ،” އެއީ ޒަލަފް ގެ އާދައެވެ. ނަވީންނާއި ބައްދަލުވާ ކޮންމެ ފަހަރަކުހެން މިހާރު ދައްކާ އެއް ވާހަކައެވެ. ނަވީން އުޅޭ ގޮތުންނެވެ. ހިތުގައި އަޅައިގެން އުޅުނު ކުއްޖާ ނުލިބުމަކީ ދެން އުމުރު އެކަމުގައި ބޭކާރު ކޮށްލަން ވީކަމެއް ކަމުގައި ޒަލަފް ނުދެކެއެވެ.
“ތިހެން މިވިސްނަނީ…ކުއްޖެއް ނަގަންވީ ދެން…އެކަމަކު އަހަންނަށް އަދިވެސް އެ ލޯތްބަށް އުންމީދު ކުރެވޭ…ކޮންމެވެސް ދުވަހަކުން ބަތޫލް ހާސިލްވާނޭ އަހަރެންގެ ހިތް ބުނޭ…އެހެންވެ މިހެން ހުރެވެނީ. އެކަމަކު އަބަދަކު މިހެންނެއްވެސް ނުހުރެވޭނެ ދޯ. މީހަކާ އިންނަންވީ،” ނަވީން ފުރަތަމަ ފަހަރަށް ޒަލަފްގެ ވާހަކައަށް ތާއީދު ކުރިއެވެ. އެހެން ނޫނަސް ނަވީން ވެސް މިހާރު ގަބޫލުކުރެއެވެ. ދެން އޭނާއަކަށް ބަތޫލްއެއް ނުލިބޭނެއެވެ. މިހާރު އެއީ ދެކުދިންގެ މަންމައެކެވެ. ދެން އޭނާއަށްވެސް ރަގަނޅުވާނީ އެވިސްނުންތާކާއި ދުރަށް ދިޔައީޔާއެވެ. އެކަމަކު ކޮންމެ ދުވަހަކުހެން އޭނާއަށް އެޚިޔާލުތައް ކުރެވެއެވެ. އެ ހަދާންތައް އާވެއެވެ. އެ ދުވަސްތައް ހިތައް އުދަގޫކުރެއެވެ.
“މިހާރު އެބަ ރަގަޅުވޭ …ތިހެންނޭ ފިރިހެނުން ހުންނާނީ،” ނަވީންގެ ކޮޑުގައި ޖަހާލަމުން ޒަފަލް ހީލިއެވެ. ނަވީން އަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
“އޭރު ވަރަށް ސަޅި ކެޑީމޭދޯ ބަތޫލް އެހެންދިމާއަކަށް ނުދާނޭ ކިޔާފަ….ކުއްލިއަކަށް އިވުނީ ބަތޫލް ކައިވެނި ކުރި އަޑު. އެކަން ވީ ގޮތެއް ކިޔައެއް ނުދެމެންނު،” އިރުކޮޅަކު ވާހަކަ ނުދައްކާ ހުރުމަށްފަހު ނަވީންނާއި ދިމާކޮށްލުމުގެ ގޮތުން ޒަލަފް ބުންޏެވެ. އޭނާ ބުނީ ނަވީންގެ ކުރީގެ ލޯބިވެރިޔާ ބަތޫލްގެ ވާހަކައެވެ. ބަތޫލްގެ މައިންބަފައިން ނުގަބޫލުވުމުން ބަތޫލް މިހާރު އުޅެނީ ޖިނާންއާއި ކައިވެނި ކޮށްގެންނެވެ.
“އަހަރެން އެހެން ބުނީ..ބަތޫލް ބޭނުން ވެފައި ހުރިލެއް ބޮޑު ކަމުން…އަދިވެސް އަހަރެން އޭނާ ބޭނުން…ބަލަން ހުންނާތި ކޮންމެވެސް ދުވަހަކުން އަހަރެން އަދި ބަތޫލް ހާސިލް ކުރާނަން….އެތަން ޒަލަފް އަށް ފެންނާނެ…އޭނާ ހާސިލް ކުރަން ކޮންކަމެއް އަހަރެން ނުކުރަނީ…… ޒަލަފް ކައިރީގަވެސް އަހަރެން ނުބުނަން ދޯ؟…..ރަށުގައި ނޫޅެ މާލެ ބަދަލުމިވީ ބަތޫލް ހާސިލް ނުވީމަކާ ނޫނޭ….މީހަކު ގެ ކިބައިން މިންޖު ނުވެވިގެން،” ނަވީން ބޭނުންވީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލުމަށެވެ. އެކަން ޒަލަފްއަށް އެނގުނެވެ. އެހެންކަމުން ނަވީންގެ ދައްކަމުންދިޔަ ވާހަކަ އޮޅުންފިލުވުމަށް ޒަލަފް ބޭނުންވިއެވެ.
“އޭނ …ކީކޭތިބުނީ ؟…ކާކުގެ ކިބައިން މިންޖު ނުވެވިގެންނޭ…ނޭނގުނު ތިބުނި އެއްޗެއް،” ނަވީން ބުނަން އުޅުނު އެއްޗެއް އޮޅުންނުފިލުމުން ޒަލަފް އެހެއެވެ.
“ރަގަޅަށް މިކިޔަނީ….ބަތޫލްއާއި ހެދި އަހަރެން ދިވާނާވެފައި އޭރު ހުރީ…އެހެންވެ އެގޯސް ހެދުނީ…މިހާރު އެކަމާ އަހަރެން ހިތާމަ ކުރަން….ބަތޫލް ކޮންމެ ގޮތަކުންވެސް ހާސިލްކުރަން އަހަރެން ބޭނުންވި…އެހެންވެ ސިހުރު ހަދާ އަހަންމައިދީގެ އެހީތެރިކަން ހޯދުނީ…އެންމެ ފަހުން އޭނާގެ ކިބައިން މިންޖުނުވެވުނީ …..” ނަވީން އޭނާގެ މާޒީގެ ގެ ތެރެއިން އެކުވެރިޔާ ޒަލަފްއާއި ހިއްސާކޮށްފައި ނުވާ ސޮފްހާއިން ބައެއް ހުޅުވާލިއެވެ.
“އަސްލުވެސް….ދެން ތިކަހަލަ ގޯހެއް ނަވީން ހެދިމޭ ބުނީމަވެސް މަމިހުރީ ކޮސްވެފައި…ކަމެއް ކުރުމުގެ ކުރިން ވިސްނަންވާނެ ދޯ؟…..ކޮންމެ އެއްޗަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނޭ…އަދި އެކަހަލަ ސިހުރުވެރިން ވަރަށް މަކަރުވެރިވާނެ …އެމީހުން ބޭނުންވާނީ އެމީހުންގެ އެހީ ހޯދާ މީހުން އެމީހުންގެ ދަށުކޮށްފައި ބައިތިއްބަން…އެއްވެސް ކަމެއް ނަވީންއަށް ވެސް ހާސިލްއެއް ނުވިއެއްނު،” ޒަލަފް ފާޅުކުރީ އޭނާގެ ހިޔާލެވެ.
ނަވީނަށްވެސް އެކަމާ އެއްބަސް ވެވުނެވެ. އޭނާއަށް އެކަމުން އެއްވެސް ފައިދާއެއް ނުކުރިއެވެ. އަހަންމައިދީ ކުރިކަމަކީ ނަވީން އޭނާގެ ދަށުކޮށްލުމެވެ. އަހަންމައިދީ ބޭނުންވާ ކަންކަމުގައި ނަވީންގެ އެހީތެރިކަން ދިޔައީ ހޯދަމުންނެވެ. ނަވީން އެކަންކަން ކިތަންމެ ކުރާހިތް ނުވާއިރުވެސް މެއެވެ. އެންމެ ފަހުން ނަވީން ނިންމީ މާލެއަށް ބަދަލުވުމަށެވެ. އޭނާގެ ހުރިހާ އެކުވެރިންހެން ގަބޫލުކުރީ ބަތޫލް ނުލިބުމުން އެ މާޔޫސީކަމުގައި ނަވީން ރަށް ދޫކޮށް ދިޔައީކަމަށެވެ.
“ނަސީބެއްނު އެކަމުން ސަލާމަތް ވިކަން….އެނެއްކާ ނަވީން ދަސްކުރިންތައް އެއިންކަމެއް….އަހަރެން ވަރަށް ޖެހިލުންވާނެ އެކަހަލަ މީހުންނާއެކު އުޅެން،” ޒަލަފް ހީގަތެވެ.
“އެހެން ވާނެއެއްނު…މައެބައުޅޭ ދޯ އެކަމެއް ދަސްކުރަން،” ޒަލަފްގެ ހުނުމުގައި ބައިވެރިވަމުން ނަވީން ބުނެލިއެވެ.
“ހިނގާ ދަމާ…،” ދުފައި ނިންމާލަމުން ޒަލަފް ތެދުވިއެވެ.
“އަހަރެން ދާނީ އޮފީހަށް ވަދެލާފައި….ޒަލަފް ގެއަށްދޯ ދާނީ،” ނަވީން ސައިކަލަށް އަރައި ސްޓާޓްކޮއްލިއެވެ. އާނ އެކޭ ބުނުމުގެ ގޮތުން ޒަލަފް ބޯ ޖަހާލިއެވެ.
ރޭގަނޑު ނުވަ ޖަހަން އުޅެނީއެވެ. ވިއްސާރަ ރެއެކެވެ. ވައިވެސް އެހާމެ ބާރެވެ. ޖޫން ޖުލައިގެ ވިއްސާރަ ފެށުނީއެވެ. އެހެންކަމުން މުޅި ރަށް އޮތީ ހިމޭންވެފައެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. ގަސްތައް ހެދިފައި ހުރި ގޮތުން ރަށުގެ ގިނަ މަގުތަކުގައި މަގު ބައްތި ހުއްޓެއްކަމަކު، އޭގެ ބޭނުމެއް ނުހިފެއެވެ. ޖިނާން ހަދާން ނެތި އާދެވުނީ ބައިސްކަލުގެ ބައްތި ނުލައެވެ. ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެން ހީވާތީ އޭގެ ކުރިން ގެއާއި ހަމައަށް ފޯރާތޯ ބައިސްކަލު ދުއްވަމުން ދިޔައީ ނުހަނު ބާރަށެވެ.
“ބަތޫލް…ބަތޫލް…ކުދިވެރިން އަދިވެސް ނުނިދަނީ،” ގެއަށް ވަދެވުމާއެކު ޖިނާން ގޮވައިލީ އޭނާގެ އަންހެނުން ބަތޫލް އަށެވެ.
ކުދިން މަސަލަސް ކުރުމަށް ނާނާއެއް ކިޔާ އަޑު އިވޭތީއެވެ. ބަތޫލް ޖަވާބެއް ނުދެއެވެ. އެހެންކަމުން ޖިނާން އަށް ޖެހުނީ ކޮޓަރި ދޮރު ހުޅުވާލާށެވެ. އެއްޗެއް ބުނަން އަނގަ އުޅުވާލިތަނުން އަތުގެ، އިޝާރާތުން ވާހަކަ ނުދެއްކުމަށް ބަތޫލް އެދުނެވެ. އޭރު ޒީކް ތަންމަތީގައި ނިދާފަ އޮތެވެ. ލީން ކޮނޑަށް ލައިގެން ދެކޮޅު ދެކޮޅަށް ހިނގަމުން ބަތޫލް ނާނާއެއް ކިޔަމުން ދެއެވެ. ޒީން އާއި ލީން އެއީ ބަތޫލް އާއި ޖިނާންގެ ލޯބީގެ ނިޝާންއެވެ. އެމީހުންގެ ހިތުގެ ހިތްހަމަޖެހުމެވެ. ހަޔާތުގެ ހުރިހާވެސް އުފަލެވެ.
“ބަތޫލް ދޭބަލަ ކާން ހަދާން…” ޖިނާން ގެ ބަރުއަޑުން ރުޅިވެރިކަމާއެކު ބުނެލިއެވެ. އެއީ ޖިނާންގެ އާދައެވެ. ބަތޫލް އާއި މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކުމަކީ ޖިނާން ބޭނުންވާ ގޮތެއް ހެނެއް ހިޔެއް ނުވެއެވެ.
(ނުނިމޭ)