-Advertisement-

-Advertisement-

ރަސްމާލެ މަޝްރޫޢު ހުއްޓިފައިވާތީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ފާޑުވިދާޅުވެއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އޮފީސް

ރަސްމާލެ މަޝްރޫޢު ހުއްޓިފައިވާތީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ފާޑުވިދާޅުވެއްޖެއެވެ.

ވަގުތީގޮތުން ހުއްޓިފައި އޮތް ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކުންފުނި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލު ކުރީ މިދިޔަ ސަރުކާރުންނެވެ. ނަމަވެސް ސީއެމްސީއިން ހޯދަން މަސައްކަތް ކުރި ފައިސާ އެ ކުންފުންޏަށް ހޯދިފައި ނުވުމާ ގުޅިގެން ހަވާލު ކުރި ގޮތަށް އެ މަޝްރޫޢު ކުރިއަށް ނުގެންދެވުމުން އެއްބަސްވުން ބާތިލު ކުރަން ނިންމުމުން އެ ކަމުގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އޮޅުންފިލުވައިދޭން ޖެހޭނެކަމަށް މޭ މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

“އެ މީހުންގެ މާލީ ގާބިލުކަން ނޫނީ އެހެން ކަންތައްތައް ނުބަލާ އަވަސް އަރުވާލައިގެން ސޮއިކުރެވުނު ޕްރޮޖެކްޓެއްހެން މިހާރު މި ދޭހަވަނީ” މުއިއްޒު ވިދާޅުވިއެވެ. މި އެއްބަސްވުން ބާތިލުކުރަން ނިންމީ ދެ ފަރާތުން ވާހަކަދައްކައިގެން ދެ ފަރާތުގެ އެއްބަސްވުމުގައިތޯ، ނުވަތަ ބަދަލެއް ދޭންޖެހޭތޯ ވެސް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ގައުމުގެ މަސްލަހަތު ހިމެނޭ ކަމެއްކަމަށް ވުމުން މި ކަމަކީ އެޓާނީ ޖެނެރަލްގެ އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ މައްސަލައެއްކަމަށެވެ.

މުއިއްޒުގެ ވާހަކަފުޅާ ގުޅިގެން މާރިޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ސަރުކާރުން ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރެވޭކަމަށާއި މިއީ އެއް ދޮނުގައި ދެ ބުޅި ޖެހުންފަދަ ކަމެއްކަމަށް ގަބޫލުކުރެއްވޭކަމަށެވެ. މާރިޔާ ސިފަކުރެއްވި ގޮތުގައި އެ ތަނުގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެކަމަށް ބުނެ ކޯޓުން ނެރުނު އަމުރު ހަތަރު އަހަރަށް ދައްމާނެއެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ހޯދައި އެ ފައިސާއިން ކުރިއަށް އޮތް އިންތިޚާބުތަކަށް ޚަރަދު ކުރާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދާތީ ކުންފުންޏަށް އިތުރު ފުރުސަތެއް ނުދީ އެއްބަސްވުން ބާތިލުކުރިކަން ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސަރުކާރުން އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެހެން ގޮތްތަކެއް ހޯދަމުންދާކަމަށް ބުނެފައިވާ އިރު އެ މަޝްރޫޢިން ސަރުކާރުން ހާސިލު ކުރަން ބޭނުންވި ޙަޤީޤީ މަޤުޞަދާ ގުޅޭ ގޮތުން އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. މި ފަދަ އެއްބަސްވުންތަކުގެ ނިވަލުގައި ސަރުކާރުން ނާޖާއިޒް މަންފާތައް ހާސިލު ކުރަމުންދާކަމަށް ވެސް ބައެއް އާއްމުން ދަނީ ބުނަމުންނެވެ. އެ ފަދަ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މި ފަދަ އެއްބަސްވުންތަކުގެ އިނީޝިއަލް މަރުހަލާގައި ވެސް ސަރުކާރަށް ގިނަ އަދަދެއްގެ ފައިސާތަކެއް ލިބެއެވެ. އެހެންކަމުން މި ސަރުކާރުން ފުށިދިއްގަރުފަޅުގެ ނަމުގައި ހޯދި ފައިސާ ނިމިދިޔަ މަޖިލިސް އިންތިޚާބަށް ހޭދަ ކޮށްފައިވޭތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި މިހާރު އިންތިޚާބު ނިމުމުން ސިވިލް ކޯޓަށް ގޮސް، އެ މަރުހަލާގެ ނާޖާއިޒް މަންފާ ހޯދައިގެން، މަޝްރޫޢު މެދުކަނޑުވާލުމަށް ފަހު ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ފުރުސަތު އޮތްކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އެ މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރޭވިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-