މާލެއިން ށ، އަތޮޅަށް ދަތުރު ކުރި ބޯޓެއް ބިލެއްފަހީ ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ.
ސިފައިންގެ ކޯސްޓް ގާޑުން ބުނެފައިވާ ބޮޓު އަޑިއަށް ގޮސްފައިވަނީ އުޅިއަށި ބޯޓު ކ. މާލެއިން މުދާ ހިފައިގެން ށ. އަތޮޅަށް ދަތުރު ކޮށް ބިލެއްފަހީ ނެރުން ވަންނަން އުޅުމުގެ ތެރޭ އޮއިވަރެއްގައި ޖެހި ނެރުގެ ހުޅަނގު ފަރާތުގައި ޖެހި ބޯޓް ފަޅައިގެން ގޮސްގެން ކަމަށެވެ. ސިފައިންގެ ކޯސްޓް ގާޑުން ބުނެފައިވާ ގޮތުގައި މިހާރު ހދ. ކުޅުދުއްފުށީގައި ތިބި ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބިލެއްފަސަށް ދަތުރު ކުރަމުންނެވެ.
ށ. ކަނޑިތީމު އުޅިއަށި ބޯޓު އެރަށުގެ ނެރުތެރެއަށް ވަދެގެން އަންނަނިކޮށް ނެރުގެ އެއްފަރާތައް ބީހި ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓު ދިޔަވަމުންދާކަމަށް ބިލެއްފަހީ ކައުންސިލް އިދާރާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. އަދި އެރަށުގެ ކުދި ބޮޑު އެންމެންހާ ރައްޔިތުންގެ އެހީތެރިކަމާއިއެކު ބޯޓުން މުދާ ހުސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.
ނިއުޒްލެބްއަށް މައުލޫމާތު ދެއްވަމުން ބިލެއްފަހީ ކައުންސިލް އިދާރާގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:35 ހާއިރު ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުލިބޭ ކަމަށެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ރަށަށް ކާޑު ނުގެނެވި، ރަށުން ކާޑު ހުސްވުމާއި ގާތްވެފައިވަނިކޮށް، އުޅިއަށި ބޯޓުން ގެނައި ހުރިހާ ކާޑެއް އަޑިއަށް ދިޔައީ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިވަގުތު ރައްޔިތުން ތިބީ ވަރަށް ހާލުގައިކަން ފާހަގަކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ބޯޓުން މުދާ ހުސްކުރުމަށް ދާއިރާގެ ހުރިހާ ރަށަކުން މީހުން އައިސް އެހީތެރިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ގޮއިދޫ، ފޭދޫ އަދި ކަނޑިތީމު ރައްޔިތުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުގެ ގިނަ ރަށްތަކަކަށް ކާޑު ފޯރުކޮށް ނުދެވުމުގެ ޝަކުވާ ގިނަ އަދަދެއްގެ ބަޔަކު ދަނީ ކުރަމުންނެވެ.