ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފިއެވެ.
ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައި އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ އަކީ ރައްޔިތުންގެ މަޖިލީހުގައި ހަދާފައިވާ ކޮމިޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ ކޮމިޓީއެވެ.
241 ކޮމިޓީގެ ނައިބް މުގައްރިރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް އިންތިހާބުކޮށްފައިވާއިރު، 241 ކޮމިޓީގެ މުގައްރިރު އަދި ނައިބް މުގައްރިރަކަށް ސަލީމް އަދި ފަލާހް ހޮވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ސަލީމް އަދި ފަލާހްގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމާއި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާންއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު ޝާމިން ހަބީބް ސަލާމަތީ ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމެނެއެވެ.